އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ މަސްވަރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "އިމަގު މަސްރޭސް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ އިހަވަންދޫގެ މަސްވެރިންނަށާއި މަސްވެރިކަމަށް ލޯބި ކުރާ ޒުވާނުންނާއި ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި "ސްޕޯޓްސް ފިޝިންގ"ގެ ރޫޙް އާލާކޮށް، ކުޅިވަރެއްގެ ގޮތުގައި އެ ކަން ޕްރޮމޯޓުކުރުމަށް ބާރުއެޅުމެވެ. އަދި މީގެ އިތުރުން އެ ރަށުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ވަތަނީ ރޫޙް އާލާކޮށް ދިރުވުމަކީ ވެސް މި މަސްރޭހުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން، މަސްރޭހުގައި ބައިވެރިވުމަށް ފުރިހަމަ ކުރައްވަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ޖަމިއްޔާއިން އެދިލައްވައެވެ.
ފޯމް:
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އިހަވަންދޫގެ ރައްޔިތުންގެ އިތުރުން އިހަވަންދޫގައި ދިރިއުޅޭ ފަރާތްތަކަށާއި އިހަވަންދޫގެ މުއައްސަސާތަކުގެ އިތުރުން އިހަވަންދޫގެ މަސްވެރި އުޅަންދު ތަކަށެވެ. ނަމަވެސް އެ ޓީމަކުން ބޭނުން ވެއްޖެނަމަ ރަށުން ބޭރު ތިން މީހުން ޓީމްގައި ހިމެނިދާނެއެވެ.
މި މުބާރާތުގައި އިހަވަންދޫގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމް ބައިވެރި ކުރެވޭއިރު، ކޮންމެ ޓީމެއްގައި މަދުވެގެން 5 މެމްބަރުން ގިނަވަގެން 20 މެމްބަރުން ހިމެނިދާނެއެވެ. އަމިއްލަ ފަރުދުންނަށް ވެސް ޓީމް އެކުލަވާލައި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހުގެ 16:15 ގައި މަސްބޭނުމަށް ޓީމްތައް ފުރުމަށް ހަމަޖެހިފައިވާއިރު، މަސްބާނައިގެން އެ ރޭގެ 21:30 ގެ ކުރިން އިހަވަންދޫ ބަނދަރަށް އުޅަނދުތައް ވަންނަން ޖެހެއެވެ.
މި މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށް 5000 (ފަސްހާސް) ރުފިޔާ އަދި ދެވަނައަށް ހޯދާ ޓީމަށް 2000 (ދެހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މުބާރާތުގައި އެންމެ ބަރުމަސް ބޭނި މީހާއާއި އެންމެ ގިނަ މަސް ބޭނި މީހާ ހޮވާ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގަވައިދު:https://bit.ly/3AVZPOw
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!