ފާއިތުވި 4 އަހަރު ބ. އަތޮޅު ހޮސްޕިޓަލަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި: ރަޝީދު

B. Atoll Hospital

ފާއިތުވި 4 އަހަރު ބ. އަތޮޅު ހޮސްޕިޓަލަށް ބޮޑު ކުރިއެރުންތަކެއް ވަނީ ލިބިފައި ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

"ތިލަދުން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ފާއިތުވި 4 އަހަރު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ ހޮސްޕިޓަލުން، ދަރަޖަ 2 ގެ ހުރިހައި ހިދުމަތެއް މިހާރު ލިބޭނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރަޝީދު ވިދާޅުވީ ލޮލުގެ ހިދުމަތާއި، ރޭޑިއޮލޮޖީ އަދި ކަށީގެ ހާއްސަ ބަލިތަކާއި، ފިޒިޝަނުންގެ ހިދުމަތް އެ ހޮސްޕިޓަލުން މިހާރުލިބޭނެ ކަމަށެވެ. އަދި ލޮލުގެ ހިދުމަތަށް ބޭނުންވާ މެޝިނަރީ މި މަސްތެރޭގައި ލިބޭނެ ކަމަށާއި އޭރުން އެ ހިދުމަތް ވެސް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.

"ފާއިތުވި 4 އަހަރު މި ހޮސްޕިޓަލަށް ވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފަ. މިއީ މާޒީއަށް ބަލާއިރު ވެސް ވަރަށް ބޮޑު ކުރިއެރުމެއް. ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހާއްސަކޮށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ލިބުމަކީ އަބަދުވެސް ބޭނުންވާނެ ގޮތް. ރައީސް ސާލިހުގެ ފާއިތުވެދިަޔ 4 އަހަރަކީ މި ހޮސްޕިޓަލަށާ މިތަނުން ހިދުމަތް ހޯދާ މީހުންނަަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން އަހަރުތައް. މިކަމުގައި ރައްޔިތުންނާ ހޮސްޕިޓަލް އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރައީސް ސާލިހަށާއި ސަރުކާރުގެ އިސްވެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން." ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ޑައިލިސިސް ގެ ހިދުމަތް މި މަހުގެ 24 ވަނަ ފަށާފަ އެވެ. އެ ހޮސްޕިޓަލުން މި ހިދުމަތް ފަށާފައިވަނީ، ހިދުމަތަށް ތަމްރީނުވެފައިވާ ދެ ނަރުހުންނާ އެކުގަ އެވެ. އަދި އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފަ އެވެ.

އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް މިއަހަރު އަޅައި، މިއަހަރުގެ ތެރޭގައި މި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތަަށް އިތުރު ވަގުތު ބޭނުންވާތީ އެވެ.

ކިޑްނީގެ ހާއްސަ ބައްޔަކަށް ދެވޭ މި ފަރުވާ ނުވަތަ ޑައިލިސިސް މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ދޭން ޖެހޭއިރު، އެ އަތޮޅުގައި މި ފަރުވާ ހޯދަންޖެހޭ 18 މީހުން ތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑައިލެސިސް ހަދާއިރު، އަނެއްބައި މީހުން މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހިފައިވަނީ ވެސް އަތޮޅުން އެ ހިދުމަތް ލިބެން ނެތުމުން ނެވެ.

މުހައްމަދު ރަޝީދު "ތިލަދުން" އަށް ވިދާޅުވީ މާދަމާ އެ ހޮސްޕިޓަލުން ފުރަތަމަ މީހާއަށް ޑައިލިސިސް ގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *