''މާލެ ޓީޓީ ހޯލް'' ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލެވެ.
މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޓީޓީ ހޯލްގައި ބާރަ ޓީޓީ މޭޒު ހިމެނެއެވެ.
މި ސަރުކާރުން 2021 ވަނަ އަހަރު ވަނީ ޓީޓީ ހޯލް އެއް ހުޅުމާލޭގައި ހުޅުވާފައެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައިވެސް ޓީޓީ ހޯލެއް ވަނީ ހުޅުވާފައެވެ.
ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުޞަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިހާތަނަށް ބައިނަލްއަޤްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައިވާކަން އެ އޮފީހުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!