ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

Raees Solih

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފައި ވަނީ މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ.

މި ގެނެވުނު އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައިއެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައިއެވެ.

މީގެ އިތުރުން މި އިޞްލާޙުން، ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓާރ ޖެނެރަލާ ދެމެދު ވެވޭ އިޢުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

މި އިސްލާޙާއެކު ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ޙިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިގެން ދާއިރު، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާއަކީ އޭނާ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިޙްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދަޢުލަތަށް ޤަބޫލުކުރެވޭނަމަ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *