ރަށްރަށާ މާލެއާ އަޅާ ކިޔާ އިރު، މާލެއަށް ކޮށްދޭ ކަންކަން މާ ގިނަ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއި ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ހައުސިންގ ޔުނިޓުތަކާއި ބްރިޖާއި އަޅާބާލައިރު، ރާއްޖެތެރެއާ މާލެއާ ކޮމްޕެއާ ކޮށްލާ އިރު، މިއޮށްދިޔަ އެތައް އަހަރަކާ ބަލާއިރު، މާލެއަށް ކޮށްފަ ހުރި ކަންތައްތައް މާގިނަ ކަމަށެވެ. އެހެންވީމަ އެއްވެސް މެމްބަރަކަށް ''ރާއްޖެތެރެއާ މާލެއާ ކޮމްޕެއާ ނުކުރެވޭނެ'' ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

ރާއީ ވިދާޅުވީ އެގޮތަށް ކަންތައްކުރީ މިހާރު ހުންނެވި ރައީސް އަކީ ރާއްޖެތެރެއަށް ނިސްބަތްވާ ރައީސަކަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިވާހަކަ ދައްކަން ޖެހޭ. ރާއްޖޭގެ ރައްޔިތުން ވެސް މިވާހަކަތައް އަޑު އަހަން ޖެހޭ. ގައުމަށްޓަކާ ކޮން ބޭފުޅަކު ކޮން ކަމެއްތޯ ކުރަނީ. ދެން އަޅުގަނޑުމެން ޔަގީން ކަށަވަރު މިދެނީ އިނގޭތޯ މި މަޖިލީސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. މިތަނުގަ ތިބި މެމްބަރުންނަށް ވެސް އެބައޮތް." ރާއީ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކަންތައްތައްކުރަން ފާސްކުރަން ޖެހޭ ބަޖެޓެއް ވިއްޔާ މިތަނުން ފާސްކުރައްވާނެ ކަމަށާއި އަދި އެއަށް ރުހުނަސް، ނުރުހުނަސް އެ ބަޖެޓު ފާސްކޮށްފަ، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުގެ އިހްތިޔާރާއި ބާރު ދެއްވާނެ ކަމަށެވެ.

ރާއީ ވިދާޅުވީ ވަރަށްގިނަ ކަންތައް ކުރެވިފައިވާ ކަމަށާއި އެކަންތަކުގެ ވާހަކަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އަރާ ކަމަށެވެ. ފަސް އަހަރުގެ ދައުރެއް ނިންމާލާއިރު، ދުނުޔޭގެ އެއްވެސް ގައުމެއްގެ ރައީސްއަކަށް 100 ޕަސެންޓު ފުރިހަމަކުރެވިފައިވާ ތަން ދެކިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށް ރާއީ ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ ބޮޑުބައި ކޮށްފައިވާ ކަމަށާއި ރައީސް ސާލިހަށް ސަނާކިޔާ ކަމަށާއި 90 ޕަސެންޓުގެ މަސައްކަތް ރާއްޖޭގައި ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފާސްކުރާ ބަޖެޓުގެ ތެރެއިން ނުކުރެވި ހުރި ގިނަ ކަންތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވަމުންދާ ނަމަ، އެކަމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.