ކޭއާރުއެޗު ގައި ހުޅުތަކުގެ އޮޕަރޭޝަން ކޭމްޕެއް ފަށައިފި

ފޮޓޯ: ކޭއާރުއެޗު
ފޮޓޯ: ކޭއާރުއެޗު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ހުޅުތަކުގެ އޮޕަރޭޝަން ކުރުމަށް ކޭމްޕެއް ފަށައިފިއެވެ.

ކޭއާރުއެޗުން ވިދާޅުވި ގޮތުގައި މި ކޭމްޕް އޮންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި ކޭމްޕުގައި އާރތުރޮސްކޯޕިކް ސާރޖަރީ (ކެމެރާގެ ޒަރީއާއިން ބަލައިން ކުރެވޭ ހުޅުތަކުގެ އޮޕަރޭޝަން) ތަކެއް ކުރިޔަށްދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

މި ކޭމްޕު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ކޭއާރުއެޗު ގުޅިގެންނެވެ.

މިގޮތުން އައި.ޖީ.އެމް.އެޗް ގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ކަށީގެ ޑޮކްޓަރު، އަދި ނޭޝަނަލް ހެލްތު ކެއާ އެކަޑަމީގެ ވައިސް ޑީން ކަން ވެސް ކުރައްވާ، ސީނިއާ ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. ހުސައިން ޝަކީލް އިސްވެ ކުރައްވާ މި އޮޕަރޭޝަންތަކުގައި، އެ ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ، ޑރ. އަސްޢަދް މުޙައްމަދު ޝަހީދު އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ކަށީގެ ހާއްސަ ޑޮކްޓަރު، ކޮންސަލްޓަންޓް އިން އޯތޮޕީޑިކްސް، ޑރ. އަލީ މަފާޒް ރަޝީދު ބައިވެރިވެލައްވާނެ ކަމަށް ކޭއާރުއެޗުން ވިދާޅުވެއެވެ.

''އާރތުރޮސްކޯޕިކް ސާރޖަރީ ކޭމްޕުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ހޯދައިދީ، ކާމިޔާބު ކަމާއިއެކު މި ކޭމްޕު ކުރިޔަށް ގެންގޮސް ނިންމާލުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކަށީގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވާ ސްޕެޝަލިސްޓުން ކަމުގައިވާ ޑރ. ގޮޑާ، ޑރ. އަދްލީ އަދި ޑރ. ޕަރާޝްގެ އިތުރުން، ނަރުހުންގެ ޓީމް އަދި ގުޅުންހުރި ފަރާތްތަކުން ދަނީ ކުރިއަށް މަސައްކަތްތަކެއް ކުރައްވަމުން'' ކޭއާރުއެޗުން ވިދާޅުވެފައިވެއެވެ.

މިގޮތުން ބޭނުންވާ އާލާތްތައް ހަމަކޮށް، އޮޕަރޭޝަން ކުރެވޭނެ ފަރާތްތައް މިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތްތައް އެ ޓީމުން ކުރަމުން އަންނަ ކަމަށާއި، މި ކޭމްޕުގައި ކުރެވޭ އޮޕަރޭޝަންތަކުގައި ކޭއާރުއެޗުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމު އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައިއެވެ.

މިމަހުގެ 6 ން 9 ށް ގެންދެވުނު ލެޕަރޮސްކޯޕިކް ސާރޖަރީއާއި އެއްގޮތް ކަމެއް ހުންނަ އާރތުރޮސްކޯޕިކް ސާރޖަރީއަކީ ވެސް ކީހޯލް ސާރޖަރީ ނުވަތަ ކެމެރާގެ ޒަރީއާއިން ބަލައިގެން ކުދި ކެފުންތަކަކާއި އެކު ކުރެވޭ އޮޕަރޭޝަނުގެ ވައްތަރެކެވެ. ލެޕަރޮސްކޯޕިކް ސާރޖަރީތައް ހަށިގަނޑުގެ ކެވެޓީތަކަށް ހާއްސަވެފައި ވާއިރު، އާރތުރޮސްކޯޕިކް ސާރޖަރީއަކީ ހުޅުތަކުގެ އޮޕަރޭޝަންތަކެކެވެ. މިގޮތުން ކުޅިވަރު ކުޅުމުގައި ހުޅުތަކަށް ލިބިފައި ހުންނަ އަނިޔާތައް (ސްޕޯރޓްސް އިންޖަރީސްތައް)، އާރތުރޮސްކޯޕިކް ސާރޖަރީ މެދުވެރިކޮށް ރަނގަޅު ކުރެވި ކަސްރަތުގެ އެހީގައި އަލުން ކުޅިވަރުގެ މައިދާނަށް ނުކުތުމަށް އެހީތެރި ވެދެއެވެ. މި ކޭމްޕުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ޝަކީލަކީ މިފަދަ އެތައް ކުޅުންތެރިންނެއް ކުޅިވަރަށް ރުޖޫޢަކޮށް ދިނުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ކޭމްޕް ކުރިއަށް ދަނީ، ފޮޓޯ: ކޭއާރުއެޗު

މި ކޭމްޕުގައި ކަކުލުހުޅުގެ އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އޮޕަރޭޝަނަށްފަހު ހޭދަވާ މުއްދަތަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމުގައި ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައިއެވެ. މިގޮތުން ފުރަތަމަ 6 މަސްދުވަހުގެ މުހިންމުކަން ހާއްސަކޮށް ފާހަގަ ކުރައްވަމުން ދެންނެވީ، ފުރަތަމަ 3 މަހާއި ބައި، ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާރޓްމެންޓުން ފަރުވާ ހޯދަންވާނެ ކަމަށެވެ. އަދި އޭގެފަހުން، ކަމުގެ މާހިރުންގެ ލަފަޔާއެކު ކަސްރަތު ކުރިޔަށް ގެންދަންވާނެ ކަމަށެވެ. މިގޮތުން ފީނުން އަދި މޫދުގައި ކުރެވޭ ކަސްރަތުތަކުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

''ހުޅުތަކުގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ އެތައް ބަޔަކު މި ސަރަހައްދުގައި ތިބުމާއެކު، މިފަދަ އިތުރު ކޭމްޕުތައް މާދުރުނޫން މުސްތަޤްބަލެއްގައި ބޭއްވުމަކީ ހޮސްޕިޓަލުގެ އަމާޒެއް، މިގޮތުން މިކަމުގެ ނީޑް އެނަލިސިސް އެއް ހަދާލުމަށް، ކުރީގެ މެޑިކަލް ރެކޯރޑްތައް ބެލުމުގެ އިތުރުން، ކޭމްޕު އިޢުލާންކޮށް ހޭދަވި 17 ގަޑިއިރެއްހާ އިރުގެ ތެރޭގައި ޖުމްލަ 56 ފަރާތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ނަންނޯޓް ކޮށްފައިވޭ.'' -ކޭއާރުއެޗު-

މިފަހަރުގެ ކޭމްޕުގައި ޖުމްލަ 3 ދުވަހުގެ ތެރޭގައި 9 އޮޕަރޭޝަން ކުރުމަށް ވަނީ ރޭވިފައިވާއިރު، އަދި ވަގުތު ތަންދޭނަމަ އިތުރު އޮޕަރޭޝަންތައް ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައިއެވެ.

ކޭއާރުއެޗުން ވިދާޅުވިގޮތުގައި މި ޚިދުމަތަކީ ރައްޔިތުން ނުހަނު ބޭނުންވެފައި ޚިދުމަތެއް ކަމުން، މިފަދަ ކޭމްޕުތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ކުރެވިގެންދާނެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރުމަށް މިވަގުތު އޮތް އެންމެ ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަން ފާހަގަ ކުރަމުން، މިގޮތުން އޮޕަރޭޝަން ތިއޭޓަރުތައް މަދުވުން އަދި ރިހެބިލިޓޭޝަން ނުވަތަ ފިޒިއޮތެރަޕީ ފަރުވާ ދިނުމަށް އޮތް ޖާގައިގެ ދަތިކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައިވެއެވެ.

ކޭއާރުއެޗުގައި ކުރިއަށްދާ ހުޅުތަކުގެ އޮޕަރޭޝަންގެ ކޭމްޕްގެ ތެރެއިން، ފޮޓޯ: ކޭއާރުއެޗު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލުތައް ބާރުވެރިކޮށް، ޞިއްޙީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި ރާއްޖޭގެ މައި ހޮސްޕިޓަލަށް ކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ޚިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ޚިދުމަތްތައް ފެށި، ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް އިތުރުކުރެވި، މި ހޮސްޕިޓަލުގައި ކުރެވޭ ކަށީގެ އަދި ޓްރޯމާ އޮޕަރޭޝަންތައް އިތުރުވެގެން ދިއުންވާނީ، މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެދާންޖެހޭ ފަރާތްތަކަށް މާލީ ގޮތުން ލިބޭ ބޮޑު ލުޔަކަށެވެ. އަދި އާއިލާގެ ގިނަ ބަޔަކު ކައިރީގައި ތިބެ މިފަދަ ޚިދުމަތްތައް ލިބެން ފެށުމަކީ އާންމު ރައްޔިތު މީހާއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *