ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވިތާ 15 އަހަރު ފުރުން ފާހަގަކުރުމަށް ފަލަސްތީނުގެ ހިބްރޮން އަށް އެއްވި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފިއެވެ.
މިި ހަމަނުޖެހުން ތަކުގައި ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލާ، އެޒުވާނާ ކްލިނިކަށް ގެންދިއުމަށްވެސް އިޒްރޭލު ސިފައިން ވަނީ ހުރަސް އަޅާފައެވެ. ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދޭ ގޮތުގައި އިޒްރޭލުގެ ސިފައިން ބަޑި ޖަހާ ޝަހީދުކޮށްލީ އުމަރު ހައިތަމް އަލް ބަދަވީ ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
އޭނާ މަރުވީ ކުލިނިކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. އޭނާއާ ވަރަށް ކައިރީގައި ހުރެ އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާގެ ބަނޑަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ބަޑި ޖަހާފައިވަނީ އޭނާގެ މެޔަށެވެ. ބަދަވީ އަށް އިޒްރޭލުގެ ސިފައިން ހަމަލާދޭ ވީޑިއޯއެއް އާންމު ވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ހަމަނުޖެހުމުގައި އެއްލި އެއްޗަކުން އޭނާ އުޅޭ ގޭގެ ބައެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން ބޭރަށް ނުކުންނަ ތަނެވެ. އޭރު އޭނާގެ އަތުގައި އޮތީ ފޮތިގަނޑެއް އެކަންޏެވެ.
މަންޒަރު ދުށް މީހުންނާ ހަވަލާދީ ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އައްރޫބް ރެފިއުޖީ ކޭމްޕުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނާ އިޒްރޭލު ސިފައިން ކުރިމަތިލީ ލައިވް ވަޒަނާއި ކަރުނަގޭހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!