މިހާރު މިއޮތް ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ޣައްދާރުވާ މީހެއް ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވިދާޅުވަމުން، ފާޑުވިދާޅުވެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.

Ad
rt

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ފާޅުކުރެއްވި ޝުޢޫރަކާއި ގުޅިގެން ޝިފާ ވިދާޅުވެފައި ވަނީ، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

''މިއަހަރު ހަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ފަސް ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ފާހެއް ނުވި'' މި ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން މެންބަރު ހަސަން ލަތީފް ވަނީ އެއީ ވަރަށް ދެރަކަމެއް ކަމަށް ވިދާޅުވެ، ޝުއޫރުފާޅު ކުރައްވާފަައެވެ.

'' މިއީ ވަރަށް ދެރަ ކަމެއް. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސް އަދި އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސް. އެހެން ނުހައްދަވާ. އެތަފްސީލް ދެއްވާ. އެމްޑީޕީ ގެ އިތުބާރު ގެއްލުވާނުލައްވާ.'' ހަސަން ވިދާޅުވެފައި ވެއެވެ.

ހަސަން މިހެން ވިދާޅުވުމުން، އެކަމާއިގުޅުވައި އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވިދާޅުވެ، ޝިފާ ވިދާޅުވެފައި ވަނީ، އެއީ ކޯލިޝަން ޕާޓްނަރުން ބޭނުންވިގޮތް ކަމަށެވެ. އަދި ކޯލިޝަން ޕާޓްނަރުންނާއެކު އޮތް އެއްބަސްވުމަކީ، އެމްޑީޕީ ''ފުނޑާލައި، ދުވަސް ދުއްވާލައި، އިތުބާރު ގެއްލުވައިލުން'' ކަމަށް ޝިފާ ވިދާޅުވެފައި ވެއެވެ.

ޝިފާ މިހެން ވިދާޅުވުމުން، މެންބަރު ޝިފާޢު ވިދާޅުވީ، މި ވެރިކަމަކީ އެމްޑީޕީގެ ދެ ލޮލުގެ ކޮއި ކަމަށެވެ. އަދި މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ އެމްޑީޕީ މެންބަރުންނަށް ޣައްދާރުވާ މީހެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާއިރު، އަންނަ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ޕްރައިމަރީ ބޯމަތިވެފައިވެއެވެ.