ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށްޓަކައި 2020 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފެށި 9 ކޯހަކުން 35 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

މިއަދު ޕޮލިޓެކްނިކްގައި އޮތް ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ.

Ad
rt

މިރަސްމިއްޔާތުގައި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ، މިނިސްޓަރ ވިދާޅުވީ މަސައްކަތަށް ނިކުމެ ދާއިރާއިން މަސައްކަތުގެ ތައުލީމާއި ހުނަރު ހޯދުމަށް އަޒުމް ކަނޑައަޅައި އަލުން ކުރިއަށް ދިއުން އެއީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ.

މިއީ ކޮވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށްޓަކައި ސަރުކާރުން ވަރަށް ކުއްލި ގޮތަކަށް ފަރުމާ ކުރި ޕްރޮޖެކްޓެއް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަކޮށް ވަރަށް ގިނަ އަދަދެއްގެ ސްކިލްޑް މީހުންނާއި ސެމީ ސްކިލްޑް ބޭރު މީހުން ވަޒީފާ ދޫކޮށްދިއުމަށްފަހު އެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިއީ އެ ގެއްލުމުގެ ތެރެއިން ފަރުމާ ކުރެވުނު ޕްރޮޖެކްޓެއްކަން ފާހަގަކުރައްވާ ވަޒީފާގެ ދާއިރާތަކަށް ދިވެހިން ނެގުމަށްޓަކައި ބައެއް ދާއިރާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދެވުނު ކޯސްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަސައްކަތްތަކަކީ ޝަރަފުވެރި އަދި އެކަމާދޭތެރޭ ފަޚުރުވެރިވާނެ މަސައްކަތްތަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށާއި އެމަސައްކަތްތަކުން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަކީ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މަސައްކަތުގެ މާހަވްލުގައި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަމުގައިވާނަމަ ތިމާއަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ. މިއަދު ސަނަދު ހޯދި ހުރިހާ ބައިވެރިން އަޒުމް ކަނޑައަޅަންވީ ބައިވެރިން މަސައްކަތްކުރާ މާހަވްލުން ފަރުދީ ފެންވަރުގައި ވެސް މިކަހަލަ ކަންކަމަށް އިސްކަން ދިނުން. އަދި އެހެން ފަރާތްތަކަށް ވެސް އެ ވިސްނުން އަށަގެންނެވޭތޯ ބެލުން." މިނިސްޓަރ ވިދާޅުވި އެވެ.

މިއަދު ދަސްވެނިވި ކޯސްތައް
 ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ
 ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނަންސް
 ނެޝަނަލް ސެޓްފިކެޓް 3 އިން ފެޝަން ޑިޒައން އެންޑް ޓެއިލަރިންގ
 ނެޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
 ނެޝަނަލް ސެޓްފިކެޓް 3 އިން ފާރނިޗަރ ކާޕެންޓްރީ
 ނެޝަނަލް ސެޓްފިކެޓް 3 އިން ވެލްޑިންގ ޓެކްނީކްސް
 ނެޝަނަލް ސެޓްފިކެޓް 3 އިން ފްރަންޓް އޮފީސް ސާރވިސަސް
 ނެޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރަފީ
 ނެޝަނަލް ސެޓްފިކެޓް 3 އިން އޮޓޯމޯޓިވް މެއިންޓަނަންސް

ކޮވިޑްގެ ހާލަތާއި އަދި ލެކްޗަރަރއިން ލިބުމުގެ ދަތިކަން ހުރުމުން ކޯސްތައް މެދުކަނޑާލެވިފައި އަލުން 2022 ވަނަ އަހަރު ކިޔެވުން މެނދުކެނޑިފައި ހުރި ކޯސްތައް ނިންމުމުގެ މަސައްކަތް ޕޮލިޓެކްނިކުން ދަނީ ކުރިޔަށް ގެންދަމުން ނެވެ.

ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގުމަކީ ޕޮލިޓެކްނިކްގެ އެއް އަމާޒެވެ.