ޕްރޮގްރެސް ލައިޓްގެ ފަޅުވެރިއެއް: ކުޅުދުއްފުށީ އަބްދުﷲ އަލީ ކިޔައިދެނީ، އެހާދިސާގެ ބިރުވެރިކަން!

photo_2022-11-03 03.44.46

ދިވެހީންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅަ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް އަރައި، މިގައުމުގައި އޮތް މިނިވަންކަން ނަގައިލަން ހަނގުރާމަކުރީ މީގެ 34 އަހަރު ކުރިންނެވެ.

އެދުވަހުގެ މައިދާނަށް ނިކުމެ ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިން އެމީހުނާ ވަރުގަދަޔަށް ހަނގުރާމަކޮށް އެދުވަހުގެ އިރު އޮއްސުމާއި ހަމައަށް ދިޔަ އިރުވެސް އެމީހުންގެ އަތްދަށަށް ރާއްޖެ ދިޔަ ނުދީ ހިފެހެއްޓި އެވެ. އަދި ބަޣާވާތް ކާމިޔާބު ނުވާނެކަން އެނގުމުން ބައެއް ދިވެހިން ރަހީނުކޮށްގެން، އެމް. ވީ. ޕްރޮގްރެސް ލައިޓް ގައި ފިލަން މަސައްކަތް ކުރިއެވެ.

އެދުވަހު ރަހީނެއްގެ ގޮތުގައި ބާޢީންގެ އަތްދަށުވި ފަރާތްތައް ތިބީ ފުރާނަ އަތްމައްޗަށް ލައިގެން ޝަހާދަތް މަތީގަ އެވެ. އިއްޔެ މެންދުރު ވީ ކަމެއްހެން ދިވެހީންގެ ހިތްތަކުގައި އެ ދުވަސް ވަނީ ބިންވަޅު ނެގިފަ އެވެ. އެދުވަހުގެ އެ ބިރުވެރި ނާމާން ހާދިސާ އާއި ކުރިމަތިލާންޖެހުނު އެތައްބައެއްގެ ދުލުން އެވާހަކަތައް މިއަދުވެސް ކިޔައިދެމުން އާދެއެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގައި މިގެނެސްދެނީ އެކަން ތަޖުރިބާކުރަން ޖެހުނު އެފަދަ ފަރާތެއްގެ ވާހަކަ އެވެ. މިއީ، އެމްވީ ޕްރޮގްރެސް ލައިޓްގެ އޭބީ (ފަޅުވެރިއެއް) ގެ ގޮތުގައި މަސައްކަތްކުރި ހދ. ކުޅުދުއްފުށި، ސްވެނިއަރ، އަބްދުﷲ އަލީ (ކަޅު އަލީ އަބްދުﷲ) އެ ބިރުވެރި ހާދިސާގެ ވާހަކަތަކެވެ.

އެދުވަހުގެ ހަނދާންތަކާއި ލޯ ކުރިމަތިން ފެނުނު ކަންކަން "ތިލަދުން" އަށް ހިއްސާކުރި އެވެ.

އަބްދުﷲ ބުނީ ބާޣީން ބޯޓަށް އެރީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދެގަޑި ބައިކަންހާއިރު ކަމަށެވެ. އޭރު ފަޅުވެރިން ތިބީ ބޯޓުގެ ކޮޓަރިތެރޭގައި އޮށޯވެލައިގެން ކަމަށެވެ. އަދި ތިބީ ކުޑަކޮށް ނިދިޖެހޭގޮތް ވެފައި ކަމަށެވެ.

"ދެން ކުއްލިއަކަށް މީހަކު އަޅުގަނޑުގެ ގަމީހު ގިރުވާނުގައި ހިފާ ދަމައިގަތީމަ ބަލާލިއިރު، މީހަކު ހުރީ ބަޑިއެއް ޖައްސާފަ. ދެން އަޅުގަނޑު ހިތަށް އަރައިފި އަނެއްކާ ކޮންކަމެއްބާއޭ މި ޖެހެނީ. ދެން އެމީހުން އަޅުގަނޑު ދަމާ ނަގައިގެން ގެންދަނިކޮށް ފެނިއްޖެ ބޯޓުގެ ކެޕްޓަން ބަނދެފަ އޮއްވާ. ދެން އަޅުގަނޑުގެ ހިތަށް ބިރުވެރިކަންވެސް އަތުވެއްޖެ."

އޭނާ ކިޔައިދިނެވެ.

އެންމެން ލާފައިތިބީ އޮފިސަރުންގެ މެސްރޫމަށް ކަމަށާއި ބޯޓަށް އެރި ބާޣީންގެ ތެރޭގައި ގާތްގަޑަކަށް 12 ވަރަކަށް މީހުން އުޅޭނެ ކަމަށް ލަފާކުރެވޭކަމަށާއި ރަހީނުންގެ ގޮތުގައި ބައިވަރު މީހުން އެރުވިކަމަށްވެސް ބުންޏެވެ. އަދި އެމީހުން ގައިގާ ބާޣީން އަތެއް ނުލާ ކަމަށާއި އެހެންނަމަވެސް މެސްރޫމުން ބޭރަށް ފާހާނާ އަށް ދާން ވެސް ނުނިކުމެވޭ ކަމަށް އޭނާ ކިޔައިދިނެވެ.

އިރުއިރުކޮޅުން ދޯންޏަކާއި ލޯންޗެއް އައިސް ބޯޓަށް އެއްޗެހިތަކެއް އަރުވާކަން އެނގޭ ކަމަށާއި ބޯޓުގެ ނަގިލި ނަގަން ބުނީ އެރޭ 11:45 ހާއިރު ކަމަށެވެ. ބަޑި ދިއްކޮށްގެން ތިބި 4 މީހުންނާއެކު ގޮސް ނަގިލި ނަގާފައި ދެން ހުންނަން ޖެހުނީ ހުންގާނުގަ އެވެ.

އެރޭ އެގޮތަށް ދިއުމަށްފަހު، އަނެއްދުވަހު ހެނދުނު މަތިންދާބޯޓެއް ފެނުނު ކަމަށާއި މަތިންދާބޯޓު އިރުއިރުކޮޅާ ޕްރޮގްރެސް ލައިޓް ކައިރިއަށް އަންނަކަމަށް އޭނާ ބުންޏެވެ. އެވެ. ދުއްވަމުން ދިޔައީ އެމީހުން ބުނި މިސްރާބަށް ކަމަށާއި ގާދޫކޮލުން ނުކުމެގެން އިރުދެކުނަށް ދުއްވަން ފެށިތަނާ ހުޅެލެއިން ފޮނުވާލި ކޮންމެވެސް އެއްޗެއް ބޯޓަށް ވެއްޓުނު ކަމަށް ވެއެވެ. ހީވާގޮތުން އެއީ ރޮކެޓެއް ފާޑުގެ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ހުޅުލެއިން ޖެހި ބަޑި އެ ބޯޓަށް އަމާޒުވިކަމަށް ވެސް ބުންޏެވެ.

ވަކި ހިސާބަކަށް ބޯޓު ނުކުންނަންދެން ހުންގާނުގައި ހުންނަން ޖެހުނުކަމަށާއި އެއަށްފަހު، ދެން ހުންގާނު އޮޓޯއަށް ލީ ކަމަށް ބުންޏެވެ. އެއަށް ފަހު ލަންކާއާ ދިމާލަށް މިސްރާބު ބަދަލުކުރީ ހުކުރު ދުވަހު އެވެ. އެއިރުވެސް މަތިންދާބޯޓު މަތީގައި ހޯރަ އަޅަމުން ދާކަމަށް ކިޔައިދިނެވެ.

ބޯޓު ކައިރިއަށް ފުރަތަމަ މަނަވަރު އައީ ހުކުރު ދުވަހުގެ ހަވީރުއެވެ. އަދި އިރުކޮޅަކުން އިތުރު މަނަވަރެއް އައިސް ދެ މަނަވަރު ކައިރީގައި އޮތް ކަމަށް ކިޔައިދިނެވެ.

"މަނަވަރުން ކޮންމެވެސް އެއްޗެކޭ ބުނީމަ، އަޅުގަނޑަކަށް ނޭނގެ އެބުނީ ކީކޭކަމެއް. ރަހީނުންގެ ތެރެއިން މީހަކު ވީލްހައުސްއަށް ގެނެސް އޭނާގެ ގައިގާ ވަރަށް ތަޅާ އަނިޔާކޮށްހަދާފަ، ލައިފްޖެކެޓެއް އަޅުވާފަ ބޯޓު ވިންގަށް ނެރެފަ ބަޑިޖަހާ މަރާލީ. ދެން އޭނާ އެއްލާލީ. އޭރުވެސް މަނަވަރާ ބޯޓާ ވާހަކަ ދައްކާ."

ރަހީނުންގެ ތެރޭގައި ދިރިމާ އަބްދުއްރަހްމާން ހުރިކަމަށާއި އޭނާ މަރުވީ ބޯޓުގައެވެ. މުޖުތަބާ ވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ. އެނޫނަސް ކުޑަކޮށް ދަންނަ ފާޑުގެ މީހުން ތިބިކަމަށް އަބްދުﷲ ބުންޏެވެ.

"މަނަވަރުން ދިޔައީ ބަޑި ޖަހަމުން. ހުކުރު ދުވަހުގެ ރޭ ވެސް އަދި ހޮނިހިރު ދުވަހު ހެނދުނުވެސް. ދެން އެހެން ހުއްޓާ ފަޔަށް އަރައިފި ވަޒަނެއްގެ ތޮށިގަނޑެއް. އޭތި އަދިވެސް އެބަހުރި ފައިގަ. ނުއެއް ނެނގޭ އަދިވެސް. މާބޮޑަކަށް އުނދަގޫ ނުވާތީ ހުރީ އަދިވެސް. މަނަވަރުން ޖެހި އެއްޗެއް ބޯޓުގެ ތަނެއްގަ ޖެހިފަ އައިސް ބޭބެގެ ފައިގައި ޖެހުނީ. ފަޔަށް ވަދެފަ ހުރީ. ވަދެ ފަސޭހަވެފަ ހުރީ."

ނަފްސާނީގޮތުން ވަރަށް ބޮޑަށް ގެއްލުން ލިބުނުކަން ހާމަކުރަމުން ބުނީ ފަސް ރޭ ފަސް ދުވަސް ވަންދެން ބިސްކޯދެއް، ދަޅެއް އެއްޗެއް ނޫން އެހެން އެއްވެސް އެއްޗެއް ކާން، ބޯން ނުލިބޭ ކަމަށެވެ.

އެހާލުގައި އުޅެމުން މާތްﷲ ގެ ރަޙްމަތާއި މިންނަތުން ސަލާމަތްވީ އާދީއްތަ ދުވަހު އެވެ. ބާޣީން އަމާން ދިނުމުން ލައިފް ކްރާފްޓުގައި އެދުވަހުގެ 2 އެއް ޖަހާކަށް ހާއިރު އެންމެފުރަތަމަ ފޭބީ ފަޅުވެރިންނާއި ރަހީނުންގެ ގޮތުގައި އެރުވި ބައެއް މީހުންނެވެ. ޖަނަރޭޓަރު ހަދަން ގެނައި ލަންކާ ދެމީހުން ކުރެ އެކަކު ފައިބަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓުނެވެ.  އޭނާއަކީ ފަތަން ދަންނަ މީހެއްވެސް ނޫންކަމަށް ބުންޏެވެ. އޭނާ މަނަވަރަށް ނަގައިގެން ގެންގޮސް ފުރަތަމަ ބޭއްވީ މީހުން ޒަހަމްވީމަ ބާއްވާ ތަނެއްގައި ކަމަށާއި އެއީ އެލްމެނިއަމް ޝީޓެއްކަހަލަ މޭޒުތަކެއްގެ މަތީގައި ކަމަށް ކިޔައިދިނެވެ.

ބަނޑުހައިވެއްޖެ ކަމަށާއި ކާ އެއްޗެއް ލިބިދާނެތޯ މަނަވަރު މީހުން ގާތު އެހުމުން ކާގަޑި ކެނޑިއްޖެ (ކެއުމަށް ހާއްސަކޮށްފައިވާގަޑި ހަމަވުން) ކަމަށާއި މިހާރު ކާއެއްޗެއް ނުލިބޭނެ ކަމަށް ބުންޏެވެ.

އެހެންނަމަވެސް ފެން ފޮދަކާއި ޕާން ފޮއްޗެއް ވެސް ނުލިބޭނެތޯ އެހުމުން، އިރުގަނޑެއްކޮށްފައި ޕާންފޮއްޗަކާއި ކުޑަ ފެންފުޅިއެއް ދިން ކަމަށް ވި އެވެ. އަނެއްދުވަސް ވަންދެން ވެސް އޭނާ އޮތީ މޭޒުމަތީގައި ކަމަށާއި ދެންތިބި މީހުން ތިބީ ގޮދަޑި އެޅި އެނދުގައި ނިދާފައެވެ.

"ބޭބެ އޮތީ ވަރަށް ހާލުގަ އެތާ އެއްލާލާފަ އޮތް ކަހަލަ ގޮތަކަށް"

އަބްދުﷲ ދެން ހިއްސާ ކުރީ މަނަވަރުގައި މާލެ ގެނެސް އެއަށް ފަހު ދިމާވި ކަންކަމުގެ ވާހަކަ އެވެ. ސަލާމަތްވެގެން މާލެ އައިސް ހުއްޓާ ޕޮލިސް ޖިޕު އައިސް ޑޮކްޓަރަށް ދައްކަން ދާން އެދުނު ކަމަށް ބުންޏެވެ. އެތަނުން އާދަމް މަނިކު އާ ދިމާވި ކަމަށާއި ބޭސްކޮށްދިނީ އޭނާކަމަށް ބުންޏެވެ.

ސްރީލަންކާގެ ޕީޕްލްސް ލެބަރޭޝަން އޮފް ޓެމިލް އިލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެ އަރައި، ހިންގި އުދުވާނީ ޖަރީމާގައި 19 ދިވެއްސަކު ވަނީ ޝަހީދު ކޮށްލާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިކަންކަން މިވަރަށް ތަޖުރިބާކޮށް އަނިޔާލިބިފައިތިބި ދުވަސްވީ މީހުންނަށް އެއްވެސްކަހަލަ އަޅާލުމެއް އިހުތިރާމެއް މިބޭބޭފުޅުން ނިސްބަތްވާ ރަށްރަށުންވެސް އަދިސަރުކާރުތަކުންވެސް ނުލިބުމަކީ ވަރަށް ދެރަކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *