އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެ އިދާރާއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ.

Ad
rt

މީގެ އިތުރުން އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކުމާއި އެފަދަ ބާވަތްތަކުގެ ނަންތައް ލިސްޓްކޮށް، ފޮޓޯ އާއި މަންޒަރުތައް ޕޯސްޓްކުރުމާއި ދުންފަތުގެ ބާވަތްތަކާއި އެހެނިހެން ހިދުމަތްތަކާއި، ބާވަތްތައް އެއްކޮށް ޕެކް ކޮށްގެން ވިއްކުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ހިލޭ ބެހުމާއި ދުންފަތުގެ އެއްބާވަތެއް އަނެއް ބާވަތަކަށްވުރެ ސިއްހީ ގޮތުން ރައްކާތެރިކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ވެސް ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހަމަމިއާއެކު، އެޗްޕީއޭ ގެ އިއުލާނުގައި ވިދާޅުވެފައިވަނީ ގާނޫނާއި އެއްގޮތަށް އެތެރެކޮށްފައިވާ ނުވަތަ އުފައްދާފައިވާ ދުންފަތުގެ ބާވަތްތައް، ވިޔަފާރިކުރާ ތަންތަނަށް ގޮސް ގަތުމަށް އެދޭ 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ގާނޫނު ހުއްދަކުރާ މިންވަރަށް ފުންފަތުގެ ބަވާތްތައް ވިއްކުން ހުއްދަ ވާނެ ކަމަށެވެ.

އެހެންނަމަވެސް ވެންޑިން މެޝިން މެދުވެރިކޮށް، އޮންލައިންކޮށް އަދި ޑެލިވެރީ ހިދުމަތްފަދަ، ތަކެތި ގަންނަ ފަރާތަކީ ކާކުކަން އަދި އެ ފަރާތުގެ އުމުރު ކަށަވަރު ނުކުރެވޭ ވަސީލަތްތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް އެޗްޕީއޭ ގެ އިއުލާނުގައި ވަނީ ވިދާޅުވެފަ އެވެ.