ކޮވިޑް-19އިން އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓް ކަމަށާއި މިބަޖެޓާއި ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރިއަށްދާ ޖަލްސާގަ އެވެ.
އަމީރު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު ކަމަށާއި މުޅި ދުނިޔޭގެ އިޤްތިސާދީ ތަރުތީބަށް ބަދަލު އައިސްފާނެ ފަދަ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފައި ކަމަށެވެ. އަދި ރާއްޖެ ފަދަ ހުޅުވާލެވިފައިވާ ކުޑަ އިޤްތިސާދަކަށް އަންނަ، އެކި އިޤްތިސާދީ ޝޮކްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ މާލީ ވިލުންވެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
ހަމަމިއާއެކު މިނިސްޓަރ ވިދާޅުވީ ރާއްޖެ މިއަދު މިވަނީ، ދުނިޔެ ކުރިމަތިލަމުންދާ އިޤްތިސާދީ އެކި ގޮންޖެހުންތަކުގެ މެދުގައި ކަމަށާއި، 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއް ކަމަށެވެ.
"މިއީ އެކަށީގެންވާ ޙައްލުހޯދޭނެ ދެލިކޮޕީއެއް. ރައްޔިތުންގެ ފުދުންތެރިކަމާއި، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއް." އަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެއީ އިޤްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ.
ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވަނީ ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތަކާއި، ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުންތަކާއި، އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދު ވެސް އަޑު އިވޭކަން ފާހަގަ ފާހަގަ ކުރައްވާފަ އެވެ.
2023 އާ ހަމައަށް މި ދަނީ ރާއްޖޭގެ އިޤްތިސާދަށް ދިމާވި ބޮޑެތި ގޮންޖެހުންތައް ގިރާ ކުރަމުން ކަމަށާއި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެމުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!