އެކައުންޓިންގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ، މިއަހަރުގެ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އޭނާ ވަނީ އެކައުންޓިންގ އަކީ މުޖްތަމައުއާއި ވަރަށްބޮޑަށް ގުޅުންހުރި ދާއިރާއަކަށް ވާތީ، މިކަމުގެ ސްޓޭންޑާރޓް ހިފެހެއްޓުމަށް މި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ގޮވައިލައްވާފަ އެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ސްޓޭންޑަރޓް ހިފެހެއްޓުމަށް ސީއޭ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޖަމިއްޔާއަށް މިހާރު ސައުތު އޭޝިއަން ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (ސާފާ) ގެ މެންބަރަކަށް ވެވިފައިވާކަން ވެސް ނިޔާޒީ ފާހަގަކުރެއްވި އެވެ.

ހަމަމިއާއެކު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްކީމްގެ ދަށުން މި ދާއިރާއަށް 150 ސްކޮލަރޝިޕް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ނިޔާޒީ ވަނީ، އިކޮނޮމިކް މިނިސްޓްރީން ވެސް 190 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި ފަތުރުވެރިކަން، ދަތުރުފަތުރުގެ ދާއިރާ، ސަސްޓެއިނަބަލް ފައިނޭންސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ އާއި ތަފާތު ގިނަ އިންޑަސްޓަރީތަކުގައި ހުރި އެކި ގޮންޖެހުންތަކަށް އަލިއަޅުވާލެވިގެންދާނެކަމަށް ސީއޭ މޯލްޑިވްސް އިން ވިދާޅުވެ އެވެ.

މި ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.