މުފްތީ މެންކްގެ ދަރުސްގައި، ބެލެނިވެރިންނަށް ވަރަށް ފުރިހަމަ މެސެޖެއް!

mufthi menk

ކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި ދަރުސްގައި ވާހަކަފުޅުދައްކަވަމުން ދީނީ ޢިލްމުވެރިޔާ، ޑރ އިސްމާޢީލް އިބްނު މޫސާ މެންކް، ބެލެނިވެރިންނަށް ވަރަށް ފުރިހަމަ މެސެޖެއް ދެއްވައިފި އެވެ.

ރޭގެ ދަރުސް ކުރިއަށް ގެންދިޔައީ މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމާއި ގުޅޭގޮތުންނެވެ.

އާންމުކޮށް ދަރިންގެ ކަންކަމުގައި ފިކުރުބޮޑުވެ، މާޔޫސްވާ ދަނޑިވަޅުތަކުގައި ބެލެނިވެރިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މުފްތީ މެންކް ދެއްވީ ނަސޭހަތަކީ ދަރިން ދައްކާވާހަކަ ކެތްތެރިކަމާއިއެކު ކަނުލައި އަޑުއެހުމެވެ. ހަމަ އެހެންމެ ދަރިންގެ ކަންކަމުގައި ގޮތްހުސްވާ ހިސާބަށް ދިއުމުން، އެހީތެރިކަން ލިބިގަތުމަށެވެ. އެވާހަކަތައް ގާތް މީހަކާއި ހިއްސާކޮށް އެކަމަށް ރަނގަޅު ނިންމުންތައް ނިންމުމަށެވެ. މިފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ލަފައާއި މަޝްވަރާހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މި ފަހަކަށް އައިސް ވަރަށް ގިނަ ޒުވާނުންނާއި ކުޑަކުދިން އަމިއްލައަށް މަރުވާކަމަށާއި އެކަހަލަ ކަންކަން ދިމާވުމުގައި ބެލެނެވެރިންނަށް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ނުދެވޭކަން ފާހަގަކުރައްވާ، ބެލެނެވެރިންނަށް ވަނީ ވަކިން ޙާއްސަކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ދަރިންނަށް ބޭނުންވާ މަޢުލޫމާތުދީ ނުވަތަ އެކުދިންގެ ބޭނުންތައް މައިންބަފައިންނަށް އަދާނުކުރެވިއްޖެނަމަ އެކުދިން ގޯސްމަގަކުން ދާން ފަށާފާނެކަމަށާއި މިފަދަ ހާލަތެއްގައި މައިންބަފައިންނަށް އެކުއްޖާއަށް އެހީތެރިނުވެވިއްޖެނަމަ އެ ކުއްޖަކާ އެންމެ ގާތްބަޔަކު، ނުވަތަ އާއިލާއިން އެކުއްޖާގެ ކަންތައް ގާތުން ބަލައި ރަގަޅަށް އެކުއްޖާއާއިމެދު ރަނގަޅަށް އަމަލުތައް ބަހައްޓަން ޖެހޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިދަރުސްގައި، މުފްތީ މެންކް ވިދާޅުވީ ދުވާލަކު 5 މިނިޓް ޤުރުއާން ކިޔަވާ، ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅުނަމަ އެމީހަކީ އުފާވެރި މީހެއްކަމަށެވެ. މާޔޫސްކަމާއި، ހާސްކަމާއި، ފިކުރުބޮޑުވުމުގެ މައްޗަށް ހުކުރުދުވަހުގެ ރޭ އަލިއަޅުވާލައްވަމުން މުފްތީ މެންކް ވިދާޅުވީ މާތްﷲ އިންސާނާ ހައްދަވައި  ހަމައެކަނި ދޫކޮށްލެއްވީ ނޫންކަމަށާއި އެ އިންސާނާގެ ކަންކަން އެންމެ ފުރިހަމައަށް ބައްލަވައި، އެ އިންސާނާގެ ކަންތައް ދެކެ ދެނެވޮޑިގެންވަނީ އެކަލާނގެކަމަށެވެ. އަދި އެލާނގެއީ އިންސާނާގެ މައިންބަފައިންނަށްވުރެވެސް ބޮޑަށް އެ އިންސާނާދެކެ ލޯބިވާ ރަސްކަލާނގެކަމަށް ވިދާޅުވިއެވެ.

މާތްﷲ އިންސާނުންނަށް ކުރުމަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި ނުކުރުމަށް އަންގާވާފައިވާ ކަންކަމަކީ އިންސާނާއަށް އެކަމުގައި ހެވާއި ލާބަ ހިމެނޭކަންކަން ކަމަށް ވިދާޅުވިއެވެ. އަދި ދުޢާކުރިކަމުގައިވިޔަސް، އެ ދުޢާ ވަގުތުން އިޖާބަ ނުކުރެއްވުމުގައިވެސް ޙިކުމަތްތަކެއްވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ޚާއްސަކޮށް ވާރިދުވެފައިވާ ދުޢާތައް ހިތުދަސްކޮށް އެ ދުޢާތައް އަބަދުވެސް ކިޔައި އެކަމުން ބަރާކާތް ލިބިގަންނަން މި ދަރުސްގައިވަނީ އެދިވަޑައިގެންފައެވެ.  އެއީ އެމީހާގެ ރޫހަށް ލިބިގެންދާ ކާނާކަމަށާއި އެމީހާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމުކަމެއްކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ.

މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ ކަންބޮޑުވާ ހާލަތްތައް ދިމާވެއްޖެނަމަ މާތްﷲއަށް ދެންނެވުމަށް ނަސޭހަތްތެރިވެވަޑައިގެން، ރަސޫލު ބޭކަލުންނަށް ދިމާވި މިފަދަ ހިތްދަތި ދުވަސްތަކަށް ބައްލަވާލައްވާ މިސާލުދެއްކެވިއެވެ.

ހިތާމައިގެ ޙާލަތްތަކުގައި މާތްﷲއާއި އޮންނަ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދެރަވެފައި ހުއްޓަސް ނަމާދުޤާއިމްކުރުމަށްވެސް މުފްތީ މެންކް ވަނީ ނަސޭހަތްދެއްވާފައެވެ.

އަދި މާތްﷲ ހަނދުމަކުރުންމަތީ ދެމި ހުންނާނެ ގޮތް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *