ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ކުރިއަށް އޮތް ދާއިރާ ރައީސުންގެ އިންތިޚާބުގައި، ކެލާ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ މުޙައްމަދު ވަހީދު (މަންޗި)، އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރާ އަޙްމަދު ޣާލިބަށް ތާއީދު ކުރަން ނިންމައިފިއެވެ.
ފިއްލަދޫ އަށް ނިސްބަތްވާ މަންޗި، ވަށަފަރަށް ނިސްބަތްވާ، އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ސެނެޓް ގައި ހިމެނޭ ޣާލިބަށް ތާއީދުކުރިކަން ހާމަކޮށް ބުނެފައި ވަނީ، ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަން ދާއިރާތަކުގެ އިންތިހާބުގައި ކެލާ ދާއިރާގެ ހާލަތަށް ވިސްނައި، ރައީސް ޔާމީން 2023 އަށް، ދާއިރާގެ މަސްލަހަތު އެންމެ ބޮޑުގޮތަކީ ޣާލިބާއެކު ގުޅިގެން ކުރިޔައް ދިއުންކަމުގައި ފެންނަކަމަށެވެ.
''އަޅުގަނޑުގެ ނަން އަނބުރާ ނެގުމަށްފަހުގައި އަޙްމަދު ޤާލިބް އާއިއެކުގައި ކުރިޔައް ދިއުމަށް ނިންމައިފިން، މިނިންމުމަކީ ދާއިރާގެ ކުރިމަގަށް ޓަކައި މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ މިއީކަމުގައި ގަބޫލް ކުރެވޭތީވެ، ޕާޓީގެ ހައްގުގައި ނިންމި ނިންމުމެއް'' ކެލާ ދާއިރާގައި ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރަމުން އަންނަ މަންޗި ބުނެފަ ވެއެވެ.
މަންޗި، ޣާލިބަށް ތާއީދުކުރުން، މިއީ މި އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑު އެއް ދާއިރާ، ފޮޓޯ: ސޯސަލް މީޑިއާ
މަންޗިގެ ތާއީދު ޣާލިބަށް ދިނުމުން ދެން އެ ދާއިރާއިން ޣާލިބާއި ވާދަކުރަން ހުންނާނީ، ކެލާއަށް ނިސްބަތްވާ އާދަމް ފާޒިރެވެ. އާދަމް ފާޒިރަކީ އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި ފަރާތެކެވެ. އާދަމް ފާޒިރު އެ ގޮނޑިއަށް ވާދަކުރިއިރު، އެ ގޮނޑިއަށް ޕީޕީއެމްގެ ރަސްމީ ކެންޑިޑޭޓެއް ވެސް ވާދަކުރިއެވެ.
ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަން ދާއިރާތަކުގެ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ.
ޕްރޮގްރެސިވް ކޮންްގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އެންމެފަހުން ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުގައި ކެލާ ދާއިރާގެ ކެލާ އަދި ވަށަފަރަށް ވަނީ ވަޑައިގަންނަވާފައެވެ. އެ ދެރަށުގައި ވެސް ޖަލްސާ ބާއްވާފައިވާއިރު، ޣާލިބްގެ އިސްނެގުމާއެކު ވަށަފަރުގައި ހެދި އެޕާޓީގެ ޖަގަހަ ވެސް ރައީސް ޔާމީން ވަނީ މިދަތުރުގައި ހުޅުއްވައި ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!