މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލުކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Ad
rt

މިއަހަރުގެ ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފައިވާއިރު، ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ލިބިލެއްވީ ހދ. ވައިކަރަދޫ، ހިސާން، އަބުދުﷲ ޝަފީއު (އަބޯ) އަށެވެ.

އަދަދު ނޫހުގެ ވިޝުއަލް އެޑިޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު އަކީ ބޮޑު އަކުރު އެޅުމުގެ ތެރެއިން ގިނަ މީޑިއާތަކެއްގެ ލޯގޯ ފަރުމާކޮށްފައިވާ ފަރާތެކެކެވެ. "އެންކްރިއާ" ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ރަޖިސްޓްކޮށް، އާޓް ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވާ ޝަފީއު ވަނީ ސާޕް ޗެމްޕިއަންޝިޕްގެ މުޅި ބްރޭންޑިންގެ މަސައްކަތް އެންކްރިއާއިން ކުރިޔަށް ގެންދަވާފަ އެވެ. އަދި އެހެންނިހެން ކުޅިވަރު މުބާރާތްތަކުގައި ގްރެޕިކްސް އާއި ވިޝުއަލް އާޓްސްގެ މަސައްކަތް ވަނީ ކުރައްވާފަ އެވެ.

ދަރުމަވެރިކަމުގެ ދާއިރާއިންދޭ ޒުވާނުންގެ އިނާމް، ހދ. ހަނިމާދޫ، ރިލީފް، ފިރާޝާ މުހައްމަދަށް ލިބިވަޑައިގެންފި އެވެ.

ގާލްގައިޑްގެ މަގްސަދުތައް ހާސިލް ކުރުމަށް އަންހެނުންނާއި އަންހެން ކުދިން ތަމްރީނު ކުރުމަށް ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފިރާޝާ އަކީ 2003 ވަނަ އަހަރު ޕްރެސިޑެންޑްސް އެވޯޑް ހާސިލްކޮށްފައިވާ ޒުވާނެކެވެ. އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ، އިންޓަނެޓްގެ ރައްކާތެރިކަން ފަދަ ކަންކަމުގައި މީހުން ހޭލުންތެރިކުމުގެ މަސައްކަތުގައި ވެސް ފިރާޝާގެ ދައުރަކީ ފާހަގަކޮށްލެވޭ ދައުރުކެވެ.

ހިލޭ ސާބަހަށް ވެސް ގިނަ މަސައްކަތްތެއް ކޮށްފައިވާއިރު، މުސްހަފް މާލްދީފްގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތައް ހެދުން ފަދަ މަސައްކަތްތައް ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން ޒުވާނުންގެ އިނާމު ލިބިލެއްވި ފަރާތްތަކުގެ ތެރޭގައ،ި ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމުގެ ދާއިރާއިން ނ. ޅޮހި، އޯކިޑްމާގެ، ސާޖަންޓް އަބްދުﷲ ޝަހުނީޒް ހިމެނިވަޑައިގަންނަވަ އެވެ.

ހިލޭ ސާބަހަށް ގިނަ މަސައްކަތް ކުރައްވާ ސާޖަންޓް އަބްދުﷲ ޝަހުނީޒަކީ ލީޑަރޝިޕްގެ ދާއިރާއަށް ޒުވާނުން ނެރުމަށް މަސައްކަތް ކުރައްވާ ޒުވާނެކެވެ. ޝަހުނީޒަކީ އެމްއެންޔޫ ޔޫނިއަން ހުރިހާ ކެމްޕަހެއްގައި ސްޓޫޑެންޓް ޔޫނިއަން އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި، އަދި އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ކުރައްވާ، ވޮލަންޓްރީ މަސައްކަތަށް ޒުވާނުން ނެރުމަށް ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އެވޯޑް ހާސިލްކުރި އިތުރު ފަރާތްތައް:

• ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް

• ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް

• ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު

• މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު

• ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު

• ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން

• ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމް: އަހްމަދު އަހްނަފް ފިރާގު