ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމުގެ ދަށުން ޖަޕާނުން، އދ. އޮމަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 80،731 އެމެރިކާ ޑޮލަރު (1.2 މިލިއަން ރުފިޔާ) ހިލޭ އެހީ ފޯރުކޮށްދީފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އޮމަދޫ ސްކޫލަށް އެހީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ. އޮމަދޫ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން އާމިރެވެ.

Ad
rt

މި އެހީގެ ދަށުން ކްލާސްރޫމަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ފާހާނާއަކާއި ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ސްކޫލުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކިޔެވުމަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޖަޕާނު ސަރުކާރުގެ މި އެހީއާއެކު ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި، ވަގުތީ ބޯހިޔާވަހި ކަމާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ވެސް ސްކޫލް އިމާރާތް ބޭނުން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ވިދާޅުވި އެވެ.

ޖަޕާނުގެ ޖީޖީޕީ ސްކީމްގެ ދަށުން މީގެ ކުރިން ވެސް ވަނީ ގިނަ އެހީތަކެއް ފޯރުކޮށް ދީފަ އެވެ. އެގޮތުން 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމީ، ތިމާވެށި، ސިއްހީ، ދަތުރުފަތުރު އަދި ހަކަތައިގެ ދާއިރާއަށް އެކި ގޮތްގޮތުން ޖަޕާނުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުން ނެވެ.