އިހަވަންދިއްޕޮޅުގެ ފަސް ރަށަށް ހުޅުވާލައިގެން އިހަވަންދޫ ކައުންސިލުން ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

''އިހަވަންދިއްޕޮޅު ރަސްތަރި'' ނަމުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 17 އިން 20 އަށެވެ.

Ad
rt

އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ، އިހަވަންދިއްޕޮޅުގައި ހިމެނޭ އިހަވަންދޫ، ހޯރަފުށި، މޮޅަދޫ، އުލިގަން އަދި ތުރާކުނު ރަށްވެހީންނަށް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިހާރު އެރަށްތަކުގެ ކައުންސިލްތަކަށް ފޮނުވާފައިވާއިރު، ކޮންމެ ރަށަކުން ވެސް އެރަށަކުން މުބާރާތުގައި ބައިވެރިވާނެ ބައިވެރިން ހޯދަން ޢިއުލާނު ކުރާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

''ކޮންމެ ރަށެއްގައި ވެސް އޮޑިޝަނެއް އޮންނާނެ، އޮޑިޝަނުން ހޮވާލެވޭ ބައިވެރިން މުބާރާތަށް އަންނާނީ، މުބާރާތުގެ ދެވަނަ ބުރަށް ދާނީ 10 ބައިވެރިން، ތިން ވަނަ ބުރަށް ދާނީ 5 ބައިވެރިން'' ޒާހިރު ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، ހަމަޖައްސައިދޭނެ ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

''އަޅުގަނޑުމެން މަސައްކަތް މިކުރަނީ މުޅި މުބާރާތުން އެއްވަނަ އަށް، ރަސްތަރިއަކަށް ހޮވޭ ފަރާތަށް އުމްރާ ދަތުރެއް ދިނުމަށް، އެކަން ގާތް ގަނޑަކަށް މިހާރު ވަނީ ހަމަޖެހިފައި'' ޒާހިރު ވިދާޅުވިއެވެ.

މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު، ތިންވަނައަށް އަންނަ ރަށަކަށް 5000ރ ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ. އަދި އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

މިމުބާރާތަކީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.