ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ ފިރިހެން ޑިވިޜަންގެ ދެވަނަ ސެމީގައި ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ސީ.އާރު.ސީ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ނޮޅިވަރަމް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ.
ފުރަތަމަ ސެޓް ފަސޭހަކަމާއެކު ނޮޅިވަރަމް ގެންދިޔައީ 25-15އިންނެވެ. ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ގެންދިޔައީ 26-24 އިންނެވެ. ކުރީ ދެ ސެޓާ ހިލާފަށް 3 ވަނަ ސެޓް އަދި ހަތަރުވަނަ ސެޓް ގައި ލީޑުގައި ކުޅެމުން ދިޔައީ ހަނިމާދޫއިންނެވެ. ތިންވަނަސެޓް ހަނިމާދޫއިން ގެންދިޔައީ 25-22 އިންނެވެ. ހަތަރުވަނަ ސެޓް ހަނިމާދޫއިން ގެންދިޔައީ 25-16 އިންނެވެ. ފަހު ސެޓް ނޮޅިވަރަމް ގެންދިޔައީ ފަސޭހަކަމާއެކު 15-8 އިންނެވެ.
މެޗުގެ މޮޅުކުޅުންތރިޔަކަށް ހޮވުނީ ނޮޅިވަރަމް ސީ އާރު ސީ ގެ ޖާޒީ ނަމްބަރު 11 އަޝްފާގް އާދަމް އެވެ. މޮޅުކުޅުން ތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ނޮޅިވަރަންފަރު ކައުންސިލްގެ ނައިބުރައީސް އަބްދުލްކަރީމް އަބްދުލްރަޚްމާން އެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައެވެ. ފައިނަލްގައި ބައްދަލު ކުރާނީ ނޮޅިވަރަންފަރު ސްޕޯރޓްސް އަދި ނޮޅިވަރަމް ސީއާރުސި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!