ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ.
މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައި އެ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް މއިަދުވެސް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރައްވާގޮތް ހާމަކުރައްވަމުން މި މަހުގެ 12 ވަނަ ދުވަހު މެޓް އޮފީހުން ވިދާޅުވެފައިވަނީ މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި މާދަމައާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި ކަނޑުދަތުރަކަށް ފެށުމުގެ ކުރިން މޫސުމީ އެންމެފަހުގެ މައުލޫމާތު ބެލުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!