ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓަރ ޕިއުރިފަޔަރ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދެވޭ ޕިއުރިފަޔަރގެ އަންދާޒާ އަގަކީ 5000ރ (ފަސް ހާސް ރުފިޔާ) ނުވަތަ 4500 ރ (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ) ގެ އަގެއް ކަމަށެވެ. އަދި ވޯޓަރ ޕިއުރިފަޔަރއަށް އެއްފަހަރާ ވެސް ނުވަތަ 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށެވެ.
އެ ކައުންސިލުން ވިދާޅުވެފައި ވަނީ ގޭބިސީތަކަށް ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމުގެ މަޤުޞަދަކީ ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ރަށަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް) ބޭނުންކުރާ މިންވަރު މަދު، ތިމާވެއްޓާއި ރަށްޓެހި ރަށަކަށް ހެދުން ކަމަށެވެ.
ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާއަށް ދުރުވެ ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން info@thuraakunu.gov.mv އަށް މެއިލް ކުރެއްވުމަށް ނުވަތަ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް އެ އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!