ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފި އެވެ.
އުމުރުން 26 އަހަރުގެ އަރުޝަދު ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭން ނެވެ.
2020 ވަނަ އަހަރުގެ ޖަނަވަރީ 30 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ބުނެފައިވާއިރު، އެ އޮޕަރޭޝަންގައި ނުވަ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
އެ އޮޕަރޭޝަނުގައި ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތްއިރު، އެތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލާގައި އަރުޝަދު ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން އެ އަހަރުގެ ފެބްރުއަރީ މަހު އޭނާ ދޫކޮށްލިނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެއީ 2020 މާޗް މަހުގެ ތެރޭގަ އެވެ.
ޑުރަގް އޮޕަރޭޝަން ހިންގި ދުވަހު އަރުޝަދާއި އިތުރު މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.
ހައިކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް އަރުޝަދު މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!