ދެ ޤައުމަކަށް ސަފީރުން ކަނޑައަޅުއްވާ މަގާމުގެ ފަތްކޮޅު ދެއްވައިފި

255909_8024cf5a-a_

ދިވެހިރާއްޖެއިން ދެ ގައުމަކަށް ސަފީރުން ކަނޑައަޅުއްވާ މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަތްކޮޅު ދެއްވާފައިވަނީ ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ޖެހޭވައި، އިބްރާހީމް ޝަހީބު އަދި ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. މާލޭތިލަ، ޢަލީ ޙުސައިންދީދީ އަށެވެ.

މި ދެ ބޭފުޅުންނަށް ފަތްކޮޅު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު މެންދުރުކުރީ ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އިންޑިއާއަށް ކަނޑައެޅުއްވި ސަފީރު އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެ އެވެ.

މެލޭޝިޔާއަށް ކަނޑައެޅުއްވި ޢަލީ ޙުސައިންދީދީ އަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީން ޕީ.ޖީ ޑިޕްލޮމާ މާސްޓަރސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ފުރުއްވާފައިވާ، މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމާއި، މާލެ ސިޓީގެ ކައުންސިލްގެ ރައީސްގެ މަޤާމު ހިމެނެ އެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު ހިމެނެ އެވެ.

މީގެ އިތުރުން ޢަލީ ޙުސައިންދީދީ ވަނީ ރާއްޖެއިން، ސްރީލަންކާއަށާއި، ބެލްޖިއަމް ފަދަ ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމު ވެސް ފުރުއްވާފަ އެވެ. ރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަޤާމުގަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި