ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ.

އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ.

Ad
rt

މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިލްކްޝަންސް ކޮމިޝަން (އީސި) އިން ވިދާޅުވެ އެވެ.

އީސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެ 4 ރަށުގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ޝަރުތު ހަމަވާ 3814 މީހުން އެބަތިއްބެވެ.

މީގެ އިތުރުން ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ .ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް މި މަހު ބޭއްވުމަށް އީސީން ވަނީ ނިންމާފަ އެވެ. މި ބައި-އިލެކްޝަންސްތައް ބޭއްވުމަށް ނިންމާފައިވަނި މި މަހުގެ 22 ވަނަ ދުވަހު އެވެ.

މިފަހަކަށް އައިސް ކައުންސިލުތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން މެމްބަރުން ވަކިވަމުން އަންނާތީ، ގާތްގާތުގައި ބައި-އިލެކްޝަން ބާއްވަން ވަނީ ޖެހިފަ އެވެ. އެކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް ބުރަބޮޑުވެ، ޚަރަދު ބޮޑުވަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.