ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު 29 މުވައްޒަފަކު ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައި، އޭގެ ތެރެއިން 27 މީހަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު، އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މަނަފަރު ރިސޯޓުން ވަކިކުރި 29 މީހުންނަކީ ހއ. އަތޮޅާއި ހދ. އަށް ނިސްބަތްވާ މީހުންނެވެ.
މައްސަލަ އެ މީހުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައިވަނީ އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ބާކީ ތިބި 27 މީހުންނަށް އެ މީހުން ކުރިން ތިބި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދޭން އަންގާ ކަމަށެވެ.
އެ މީހުން ވަޒީފާގައި ތިބިއިރު ވެސް އެ މީހުންގެ ރުހުން ނެތި، މުސާރައިން ބައެއް އުނިކޮށްފައިވެ އެވެ. ޓްރައިބިއުނަލުން އެންގީ އެ ފައިސާ ވެސް އެ މީހުންނަށް އަނބުރާ ދޭންޖެހޭނެ ކަމަށެވެ.
ބާކީ ތިބި ދެ މީހުންނަށް އަލުން ވަޒީފާދޭން ނުޖެހޭނެ ކަމަށް ނިންމީ އެ މީހުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ އެވެ.
އެކަމަކު އެ ދެ މީހުން ވަކިކުރިއިރު، އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ ފައިސާ އެ ދެ މީހުންނަށް ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.
ޓްރައިބިއުނަލުން އެންގީ އެ މީހުންނަށް ދޭންޖެހޭ ފައިސާތައް 30 ދުވަސް ތެރޭގައި ދެއްކުމަށްފަހު އެކަން ޓްރައިބިއުނަލަށް އެންގުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!