ތިލަފުށީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލިނަމަވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރާފާނެތީ ސަމާލުވުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަންގައިފި އެވެ.
ވެމްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވަގުތީގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި މިއަދުމެންދުރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. ވެމްކޯ އިން ބުނީ އެމްއެންޑީއެފްގެ ފަޔަރ ޑިޕާޓްމެންޓާއި ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
"ނަމަވެސް އެ ސަރަހައްދުން ދުން އަރާކަން ފާހަގަކުރެވިފައިވޭ، ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހު އެ ސަރަހައްދުން އަލިފާން ފެނި، ބޯކޮށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް"
ވެމްކޯ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެންމެހައި ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެމްކޯ އިން ވަނީ އެދިފަ އެވެ.
ތިލަފުއްޓަށް ކުނިގެންދާ އުޅަނދުތަކުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނިގެންދިއުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ތަކުރާރުކޮށް ހަނދުމަކޮށްދޭކަމަށް ވެސް ވެމްކޯ އިން ބުނެފައި ވެއެވެ.
އެ ކޯޕަރޭޝަނުގެ ފަރާތުން ތިލަފުށިގައި ޖުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތުގައި ދުވާލެއްގެ މައްޗަށް 500 ޓަނަށްވުރެ ގިނަ ކުނި ޕްރޮސެސްކޮށް، ބޭލް ކުރެވޭ ކަމަށް އެކުންފުނިން ބުނެއެވެ.
ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:47 ހާއިރު. pic.twitter.com/nXycEk1mxX
— Maldives National Defence Force (@MNDF_Official) September 21, 2022
ތިލަފުއްޓަށް ގެނެވޭ ކުނީގެ އަދަދު އިތުރުވެފައިވުމާއި ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާތީ، ވަގުތީގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނުފުންޏާއި ކީވޯލް އާއި ދެމެދު ކަމަށް ވެސް ބުނެފައި ވެއެވެ.
ވެމްކޯ އިން އިތުރަށް ބުނެފައިވަނީ ތިލަފުށީ ކުނިގޮނޑުން ދުންއެރުން ހުއްޓުވައި، ކުނި މެނޭޖްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި އެ ކޯޕަރޭޝަނުން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިލަފުށީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށްކުރެވޭ މަސައްކަތްތައް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!