ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ

756B75BF-774A-4C5E-9950-FAEC9B5F252A

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަންގެ ދަރިކަލުންނެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި އިރު ހުންނެވީ ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވީ 1988 ނޮވެންބަރު 4 ވަނަ ދުވަހުއެވެ.

ނޮވެންބަރު ތިނެއްގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާދިން ދުޝްމަނުން މާލެ އަރައި ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭން ފެށުމާއެކު އެންމެ ފުރަތަމަ ރައްދުގައި ޙަމަލާދޭން ފެށި ހިތްވަރުގަދަ މުޖާހިދަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. އޭރު އޭނާ ހުންނެވީ ސިފައިންގެ މައިމަރުކަޒުގެ މައިގޭޓުގެ ޑިއުޓީގައެވެ. ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ވަންނަން ކުރި މަސައްކަތް ހުއްޓުވައި، ސިފައިންނަށް ހަތިޔާރާއެކު ދިފާޢީ މަޤާމުތަކަށް ނުކުމެ ސިފައިންގެ މައިމަރުކަޒު ދިފާޢުކުރުމަށް ފުރުސަތު ލިބިގެން ދިޔައީ ފުރާނައިން ޤުރުބާންވެ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. އެއީ ދީނާއި ޤައުމަށް ވަފާތެރި، އަދި ސިފައިންގެ ބޭފުޅެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ ހުވަޔަށް ޙުރުމަތްތެރިކޮށް ހިތްތެވި ކެރުމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާ ބަޠަލެކެވެ. އެއީ ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ ޤައުމީ ބަޠަލެވެ.

ވަނަވަރު:

ނަންފުޅު: ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
ދާއިމީ އެޑްރެސް: މާވާގެ / ހދ. ކުޅުދުއްފުށި
އުފަން ތާރީޚު: 28 ފެބުރުވަރީ 1968
ބައްޕާފުޅު: އާދަމް މުޙައްމަދު، މާވާގެ / ހދ. ކުޅުދުއްފުށި
މަންމަފުޅު: ޢާއިޝަތު ޙަސަން، މާވާގެ / ހދ. ކުޅުދުއްފުށި
ތަޢުލީމު ޙާޞިލުކުރެއްވީ: އަމީރު އަމީން ސްކޫލް
އިސްކޮޅު: 5 ފޫޓު، 4 އިންޗި
ލޭގެ ގްރޫޕް: އޭ ޕޮޒިޓިވް

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ބައްޕާފުޅަކީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދެވެ. އެއީ ހދ. ނޮރިވަރަމު ޢަލީގެ ދަރިކަލުން، ނޮޅި މުޙައްމަދުގެ ދަރިކަލުން ނޮޅި އާދަނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ކާފާފުޅު ނޮޅިވަރަމު މުޙައްމަދު ޢަލީ ކުޅުދުއްފުށްޓަށް ހިޖުރަކުރައްވައި އެ ރަށުގައި މީހަކާ ކައިވެނިކުރައްވައިގެން ދިރިއުޅުއްވަން ފެށްޓެވުމުން ނޮޅިވަރަމު ކުރުކޮށްލުމުގެ ގޮތުން އެ އާއިލާއަށް "ނޮޅި" ކިޔެމުން އައީއެވެ.

ޝަހީދު ޙުސައިން އާދަމުގެ މަންމާފުޅަކީ ޢާއިޝަތު ޙަސަނެވެ. އެއީ ކުޅުދުއްފުށީ މުދިމު އިބްރާހީމުގެ މުދިމު ޙަސަނުގެ އައިސައެވެ. މި ޢާއިލާއަށް މުދިމު ބޭނުންކުރަނީ އެ ބޭފުޅުން މުދިންކަން ކުރައްވާފައިވާތީއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އުފަންވެވަޑައިގެންނެވީ 28 ފެބުރުވަރީ 1968 ގައެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ މަންމާފުޅަށާއި ބައްޕާފުޅަށް 13 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ އަސްމާ އާދަމާއި، ޢަލީ އާދަމާއި، ޙަސަން އާދަމާއި، އަބޫބަކުރު އާދަމާއި، ޙުސައިން އާދަމާއި، ޢަބްދުއްރަޙްމާން އާދަމާއި، ޚަދީޖާ އާދަމާއި، ޢަބްދުއްސައްތާރު އާދަމާއި، އަޙްމަދު އާދަމާއި، ޢަބްދުއްރަޝީދު އާދަމާއި، އިބްރާހީމް އާދަމާއި، މުޙައްމަދު އާދަމާއި، ފާތިމަތު އާދަމެވެ. މީގެތެރެއިން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ލިބިވަޑައިގެންނެވީ ފަސްވަނަ އަށެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވެވަޑައިގެންނެވި އިރު އެއްބަނޑު އެއްބަފާގައި ތިއްބެވީ ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. އެއީ ޝަހީދު ކޯޕްރަލްގެ ޙުސައިން އާދަމުގެ ތިން ބޭބޭފުޅުން ކަމުގައިވާ ޢަލީ އާދަމާއި، ޙަސަން އާދަމާއި، އަބޫބަކުރު އާދަމެވެ. އަދި ތިން ކޮއްކޯފުޅު ކަމުގައިވާ ޚަދީޖާ އާދަމާއި، އަޙްމަދު އާދަމާއި، ޢަބްދުއްރަޝީދު އާދަމެވެ. އެހެން ބޭފުޅުން ވަރަށް ޅަފަތުގައި މި ދުނިޔެ ދޫކުރެއްވީއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އުފަންވެ ވަޑައިގެންނެވީ ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. އުޅެ ބޮޑުފުޅުވީ ބައްޕާފުޅާއި މަންމާފުޅުގެ ލޯބި ލިބިވަޑައިގެން އެ ގޭގައެވެ. ނަމަވެސް ތުއްޕުޅު އިރު މާމާފުޅުގެ ގޭގައި ވަރަށް ގިނަ ދުވަހު މާމާފުޅުގެ އަރިހުގައި އުޅުއްވިއެވެ. ކިޔަވާ ވިދާޅުވީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ކިޔެވުމަށް މެދުމިނުގެ ދަރިވަރެކެވެ. ނަމަވެސް އެ ސްކޫލުގައި ހިންގި ކެޑޭޓް ހަރަކާތުގައި ފާހަގަކޮށްލެވުނު ދަރިވަރެކެވެ. ސްކޫލް ދައުރުގައި ކުޅެއުޅުއްވި ކުޅިވަރުތަކުގެ ތެރެއިން ފެތުމާއި ދުވުމުގައި ފާހަގަ ކޮށްލެވުނު ދަރިވަރެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ތުއްޕުޅުއިރު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ދުނިޖެއްސެވުން ހިމެނެއެވެ. ފުރަތަމަ ދުނި ހެއްދެވީ ބައްޕާފުޅުގެ އެހީތެރިކަމާއެކުގައެވެ. އޮނުން ދުނި ހައްދަވައިގެން ގޭގެ ގޯތިތެރޭގައި ހުންނަ ބަނބުކެޔޮ ގަހުގެ ފަތްފަތަށް ދުނި ޖައްސަވައި އުޅުއްވިއެވެ. އޭގެފަހުން ވާލާއި ކާޅުފަދަ ދިރޭ ތަކެއްޗަށް ވެސް ދުނި ޖައްސަވައި އުޅުއްވިއެވެ. އަދި އެއްފުރައިގެ ކުދިންނާއެކު ކުޅިވަރެއްގެ ގޮތުގައި އޮނުން ބަޑި ހައްދަވައިގެން، ބަޑި ގޮއްވައި އުޅުއްވިއެވެ. މިއީ ސާފުތެލާއި އަލިފާން ބޭނުންކޮށްގެން ބޮޑުބަޑިގޮތަށް ގޮއްވައި އުޅުނު ބަޑިއެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުން ސިފައިންގެ ޚިދުމަތަށް ހޮވުނު 12 ދަރިވަރުންގެ ތެރޭގައި ހިމެނުނު ދަރިވަރެކެވެ. މި 12 ދަރިވަރުންގެ ތެރެއިން އެފަހަރު ސިފައިންގެ ޚިދުމަތަށް ވެންނެވުނީ 8 ދަރިވަރުންނަށެވެ. ސިފައިންގެ ޚިދުމަތަށް ވެންނެވުމުގެ ކުރިން ބޯޓު ދަތުރުކުރައްވަން ވަޑައިގެންނެވުމުގެ ޝައުޤުވެރިކަން ޙުސައިން އާދަމް ވަރަށް ބޮޑަށް ގެންގުޅުއްވިއެވެ. ނަމަވެސް ސިފައިންގެ ޚިދުމަތަށް ވަންނަވައި ޚިދުމަތް ކުރެއްވީ ވަރަށް ބޮޑު ޝައުޤުވެރިކަމަކާ އެކުގައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 09 މޭ 1984 އެވެ. އޭރު އުމުރުފުޅަކީ އެންމެ 16 އަހަރެވެ. އިސްކޮޅު ފުޅުގައި ހުރީ 5 ފޫޓު 4 އިންޗިއެވެ. ސިފައިންގެ ސާރވިސް ނަންބަރަކީ 856 އެވެ. ސަރުކާރުގެ ޚިދުމަތުގެ ރެކޯޑް ކާޑު ނަންބަރަކީ 7194 އެވެ. އެ ޒަމާނުގައި ސިފައިންގެއަށް ވަންނަ ފަރާތްތަކަށް ދެވޭ އަސާސީ ތަމްރީނުދީ، ސިފައިންގެ ހުވާކޮށް، ފުރިހަމަ ސިފައިންގެ މީހަކަށް ވުމުން ރަމުޒީގޮތުން ކޮންމެ ސިފައިންގެ މީހަކަށް ވެސް ބަޑި ހަވާލު ކުރެވެއެވެ. މިގޮތުން ޕްރައިވެޓްގެ ރޭންކުގައި ހުންނަވަނިކޮށް ޙުސައިން އާދަމަށް ބަޑި ހަވާލުކުރެއްވީ 14 މާރިޗު 1985 ވީ ބުރާސްފަތި ދުވަހުއެވެ. ޙުސައިން އާދަމް ފުރަތަމަ ބަޑި ޖެއްސެވި ދުވަހަކީ 4 މޭ 1985 އެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަސްވަރަކީ ސިފައިންގެއަށް ވަންނަ ފަރާތްތަކަށް ވަރަށް އާދައިގެ ގޮތަކަށް ތަމްރީނުދެއްވައި، ސިފައިންގެ ޚިދުމަތާބެހޭ މަޢުލޫމާތު ދެއްވައި ހެއްދެވި ދުވަސްވަރެކެވެ. ނަމަވެސް ސްކޫލް ދައުރުގައި ޚާއްޞަކޮށް ކެޑޭޓް ހަރަކާތުގައި އުޅުއްވުމުގެ ސަބަބުން ޙުސައިން އާދަމަކީ ހެވިކަމާއި ސިފަވަންތަ ހަރަކާތްތަކަށް ފަރިތަ ބޭފުޅެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ޚިދުމަތް ކުރެއްވީ ސިފައިންގެ ޑިއުޓީ ސެކްޝަންގައެވެ. 1984 މޭ 09ވަނަ ދުވަހުން ފެށިގެން 1987 ޖޫން 06ވަނަ ދުވަހާ ހަމައަށް އެ ސެކްޝަންގައި މަސައްކަތް ކުރެއްވިއެވެ. އޭރު ޑިއުޓީ ސެކްޝަނަކީ ސިފައިން ޑިއުޓީ މަރަންޖެހޭ ހުރިހާ ތަނެއްގައި ޑިއުޓީ މެރުމާއި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައި އޮތް ޔުނިޓެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ސިފައިންގޭގައި އަސްކަރީ ދާއިރާގައި ޚިދުމަތް ކުރެއްވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނެވި ބޭފުޅެކެވެ. ދެ ގަޑިން ދެ ގަޑިން 24 ގަޑިއިރު ޑިއުޓީގައި އުޅުއްވަން ޖެހިވަޑައިގެންނެވިއިރު ވެސް އެ ޑިއުޓީ އަދާކުރެއްވީ ނުހަނު ޝައުޤުވެރިކަމާއެކުގައެވެ. ބައެއް ރަހުމަތްތެރިން ސިފައިންގޭގައި ހުރި ތަންކޮޅެއް ފަސޭހަ އެހެން ޔުނިޓަކަށް ބަދަލުވެވަޑައިގެންނެވުމުގެ ޚިޔާލު ހުށަހެޅުއްވުމުން އެކަމަށް ފާޅުގައި އިންކާރު ކުރެއްވިއެވެ. ވިދާޅުވަމުން ގެންދެވީ ސިފައިންގޭގައި އަބަދުވެސް ހުންނަވާނީ ސިފައިންގެ މީހެއްގެ ގޮތުގައި ކަމަށެވެ. ބަޑިހިއްޕަވައިގެން ޑިއުޓީ ކުރެއްވުމަކީ އުފަލެއް އަދި ފަޚުރެއްކަމުގައި ޙުސައިން އާދަމް ދެކެވަޑައިގެންނެވިއެވެ. އަދި ބަޑިޖެއްސެވުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް އަބަދުވެސް ގެންގުޅުއްވިއެވެ.

އަމިއްލަފުޅު ޑައިރީގައި ޓާސްކް ފޯސް ޓްރޭނިންގގައި ކިޔަވައިދެއްވި ބަޑިތަކާއި އަމާޒަށް ބަޑިޖެހުމަށް ޓަކައި ޢަމަލުކުރަންވީ ގޮތްތައް ލިޔުއްވައި ކުރައްސަވައި ހައްދަވާފައިވެއެވެ. އަދި އެންމެ ފުރަތަމަ ބަޑިޖެއްސެވި ދުވަހު އަމާޒު ފަތްގަނޑަށް ވަޒަން އެރިވަރާއި ލިބިވަޑައިގެންނެވި މާކްސް ވެސް ލިޔުއްވާފައިވެއެވެ. އެއީ 1985 މޭ 4ވަނަ ވީ ހޮނިހިރު ދުވަހެވެ. އެ ދުވަހު ގިރިފުށީގައި ބަޑިޖައްސަވަން ލިބިވަޑައިގެންނެވީ ހަ ވަޒަނެވެ. އޭގެތެރެއިން ޓާގެޓަށް ހަތަރު ވަޒަން އެރިއެވެ. އަނެއް ދެ ވަޒަން ދިޔައީ ބޭރަށެވެ. ޓާގެޓަށް އެރި ހަތަރު ވަޒަނުގެ ތެރެއިން ވެސް އެއް ވަޒަން އިނީ ޓާގެޓުގެ ބޭރު ކައިރީގައި ކަމަށްވާތީ، މާކްސް ލިބިވަޑައިގެންނެވީ ތިން ވަޒަނަށެވެ. އެއީ އެއް ވަޒަނަށް 10 ޕޮއިންޓް، ދެވަނަ ވަޒަނަށް 15 ޕޮއިންޓް، ތިންވަނަ ވަޒަނަށް 20 ޕޮއިންޓެވެ. ޖުމުލަ ލިބިވަޑައިގެންނެވީ 45 ޕޮއިންޓެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް ދެވަނަ ފަހަރަށް ބަޑިޖައްސަވަން ލިބިވަޑައިގެންނެވީ އެއް އަހަރު ދުވަސްފަހުން 05 މޭ 1986 ގައެވެ. ގިރިފުށީގައި އެ ދުވަހު ބަޑިޖައްސަވައިގެން ވެސް ޓާގެޓަށް ތިން ވަޒަން އެރިއެވެ. އޭގެފަހުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ބަޑިޖައްސަވާފައިވަނީ 1988 ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމަނުންނާ ދެކޮޅަށެވެ.

ސިފައިންގެ ތެރެއިން އަސްކަރީ ގޮތުން ފާހަގަކުރެވޭ ސިފަވަންތަ ބޭފުޅުންކޮޅެއްގެ މައްޗަށް ސިފައިންގެ ތެރޭގައި ޓާސްކް ފޯހެއް އުފައްދަވަން ނެންގެވި ބޭފުޅުންގެ ތެރޭގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހިމެނިވަޑައި ގެންނެވިއެވެ. އެ ބޭފުޅުންނަށް ޚާއްޞަ ތަމްރީނެއް ފަރުމާކޮށް މާލެ އަތޮޅު ގިރިފުށީ ޓްރޭނިންގ ކޭމްޕުގައި 24 ނޮވެންބަރު 1986 އިން 31 ޑިސެންބަރު 1986 އަށް ދެވުނެވެ. އެ ތަމްރީނަކީ އޭރު ދިވެހިރާއްޖޭގައި ސިފައިންނަށް އަސްކަރީ ގޮތުން ދެވުނު އެންމެ މަތީ ތަމްރީނެވެ. އެ ތަމްރީނު ފުރިހަމަކުރައްވައި ޓާސްކް ފޯސް މެންބަރެއްގެ ގޮތުގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެންމެ ފުރަތަމަ ޑިއުޓީއަށް ނިކުމެވަޑައިގެންނެވީ 1987 ޖަނަވަރީ 1ވަނަ ދުވަހުގެރޭ 00:00 ގައި ސިފައިންގެ މައި ގޭޓުގެ ހުޅަނގަށެވެ. އެއީ 1988 ނޮވެންބަރު ތިންވަނަ ދުވަހު ޝަހީދުވެވަޑައި ގެންނެވި އިރު ޙުސައިން އާދަމް ޑިއުޓީގައި ހުންނެވި މަޤާމު ވެސް މެއެވެ.

"ޓާސްކް ފޯސް"ގެ ނަމުގައި ސިފައިންގޭގައި ޚާއްޞަ އަސްކަރީ ޔުނިޓެއް 1987 ޖޫން 6 ވަނަ ދުވަހު ރަސްމީކޮށް އުފެއްދެވިއެވެ. އެއީ އެ އަހަރުގެ ސިފައިންގެ އަހަރީ ދުވަހެވެ. (މިހާރު ސިފައިންގެ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަނީ އެޕްރީލް 21ވަނަ ދުވަސް ކަމަށް ވިޔަސް އޭރު ސިފައިންގެ އަހަރީ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަހެވެ.) ޓާސްކް ފޯސް ޔުނިޓް އުފެއްދެވިއިރު އެ ޔުނިޓަށް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ރަޖިސްޓްރީ ކުރެއްވިއެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައި ގެންނެވިއިރު ހުންނެވީ އެ ޔުނިޓުގައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ސިފައިންގެ ޑިއުޓީއަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު ސިފަވަންތަ ބޭފުޅެކެވެ. އެ ޒަމާނުގައި ފޯރިމެރުމުގެ ޑިއުޓީއަކީ ސިފައިން އަދާކުރާ އެންމެ ބުރަ އެއް ޑިއުޓީއެވެ. އަދި އެ ޑިއުޓީ ވެފައި އޮންނަނީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ޒުވާން ސިފައިންނަށް ފަސޭހަ ޑިއުޓީއަކަށް ނޫނެވެ. އެހެންކަމުން ގަޑިޖެހުމާއި ސަލާމް ބުނުމުގެ އިތުރުން ޑިއުޓީގެ ގަވާއިދުތަކާ ޚިލާފުވެގެން މައްސަލަ ޖެހެމުންދާތީ އެކަންކަން ރަނގަޅުކުރުމަށް ބާރުއެޅުމަށް މައްސަލަ ނުޖެހޭ ސިފައިންގެ އަގުވަޒަންކޮށް އެކަން ސިފައިންގެ ފެންވަރުގައި ދިޔައީ ފާހަގަ ކުރައްވަމުންނެވެ.

މި ގޮތުން ފޯރިމަރާ ޕްރައިވެޓުންގެ ތެރެއިން ގަޑިނުޖެހި ސަލާމް ނުބުނެ މައްސަލައެއް ނުޖެހި އެއް އަހަރު ދުވަހު ފޯރިމަރާފައިވާތީ އެކަމުގެ އަގުވަޒަންކުރައްވައި 06 ޖޫން 1986 ގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކޯޕްރަލް ޝަހީދު ޙުސައިން އާދަމަށް ލިޔުމެއް ދެއްވާފައިވެއެވެ. އަދި 13 މާރިޗު 1986 އިން 13 މާރިޗު 1987 އަށް ޕެރޭޑް ޙާޟިރީން އެންމެ ރަނގަޅު ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަތުމުން އެކަމުގެ އަގު ވެސް ދިވެހި އަސްކަރިއްޔާއިން ވަނީ ވަޒަން ކުރައްވާފައިވެއެވެ.

1988 ނޮވެންބަރު 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއަކީ ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ.ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރާ ދެމީހުން އިސްވެ ތިބެ، ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާ ގުޅިގެން ދިން ޙަމަލާއެކެވެ. މި ޓެރަރިސްޓް ޙަމަލާ ރާވައި، ހިންގުމުގައި އެންމެ އިސް މީހަކީ ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. އޭނާއަށް ދިވެހީންގެ ތެރެއިން ހަ މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހި ޤައުމަށް ޚިޔާނާތްތެރިވި ކަމަށް ޝަރީޢަތަށް ސާބިތުވިއެވެ. ޚާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ގުޅިގެން ދިން މި ޢުދުވާނީ ޙަމަލާގައި 19 ދިވެހިން ޝަހީދުވެ، ދިވެހީންގެ ތެރެއިން 39 ބޭކަލަކު ޒަޚަމުވިއެވެ. ޝަހީދުވި ބޭކަލުންގެ ތެރޭގައި 8 ބޭކަލުންނަކީ ދިވެހި ސިފައިންނެވެ. ޒަޚަމުވި ބޭކަލުންގެ ތެރޭގައި ސިފައިންގެ 18 ބޭކަލުން ހިމެނެއެވެ. މީގެ އިތުރުން ދުޝްމަނުން ފިލައިގެން ދިއުމަށް ހައިޖެކްކުރި އާގުބޯޓު (ޕްރޮގްރެސްލައިޓް)ގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު ވެސް މި ޙަމަލާގައި ވަނީ ނިޔާވެފައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ ދުރާލައި ރާވައިގެން ވަރަށް ބޮޑަށް ތައްޔާރުވެގެން ދުޝްމަނުން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ. ޕްލޯޓް ޖަމާޢަތާއި ޢަބްދުﷲ ލުޠުފީއާ ދެމެދު ވެވުނު އެއްބަސްވުންތަކެއްގެ މަތިން ރާއްޖެއަށް ހަތިޔާރު އެޅި 80 ވަރަކަށް ތަމަޅަ ހަނގުރާމަވެރިން ފޮނުވުމަށް އެ ޖަމާޢަތުން ނިންމިއެވެ. އަދި ދެ ފަހަރެއްގެ މަތިން އެ ޖަމާޢަތުގެ ބައެއް އިސް މީހުން ރެކީއަށް ރާއްޖެއައިސް ހޯދި މަޢުލޫމާތު ތަކުގެ އަލީގަޔާއި ދިވެހިންގެ ތެރެއިން ޢަބްދުﷲ ލުޠުފީއަށް މަޢުލޫމާތުދީ އެހީތެރިވި ފަރާތްތަކުން ފޯރުކޮށްދިން މަޢުލޫމާތުތަކުގެ އަލީގައި ޙަމަލާ ވަރަށް ރަނގަޅަށް ރާވާ ޕްލޭން ކުރިއެވެ. އެ ދުވަސްވަރު ތަމަޅަ ހަނގުރާމަވެރިންނާ އެކު އެ މީހުންގެ އަސްކަރީ ކޭމްޕުގައި ޢަބްދުﷲ ލުޠުފީއާއި އަޙްމަދު ނާޞިރު ޢަމަލީގޮތުން ޙަރަކާތްތެރިވިއެވެ. އަދި ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަދަލު ކޮށްލުމަށް ތަމަޅަ ހަނގުރާމަވެރިންނާ އެކު މި ދެ މީހުން ރާއްޖެ އައެވެ. ދުޝްމަނުން މާލެ އައީ ކަނޑުމަގުން ދެ ބޯޓެއްގައެވެ. އެއީ ޓީ-52 އާއި ސައުތުވެސްޓް 37 އެވެ.

މި ޙަމަލާގައި ދުޝްމަނުންގެ ހަނގުރާމައިގެ ކޮމާންޑަރަށް ހުރީ ވަސަންތީ އޭކިޔާ ނިރުބަވެރި ތަމަޅަ ހަނގުރާމަވެރިއެކެވެ. ދުޝްމަނުންގެ މައިގަނޑު ރޭވުމަކީ ތިން ދިމާއަކުން ކުއްލިއަކަށް ސިފައިންގެ މައި މަރުކަޒަށް ޙަމަލާދީ އެ މީހުންގެ ބާރުގެ ދަށަށް ސިފައިންގެ މައި މަރުކަޒު ގެންދިއުމެވެ. އަދި ސަރުކާރުގެ އިސްވެރިން ހިފައި ހައްޔަރުކޮށް ދިވެހިރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަތުމެވެ. ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދިނުމަށް ރާވައި ހަމަލާދިނީ ސިފައިންގެ ކުރިމަތިން މައި ގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. ސިފައިންގެ އިރު އުތުރު ކަންމަތިން ހަމަލާ ދިނީ އޭރު އެ ތަނުގައިހުރި ފުލުސް އޮފީހުގެ ގޭޓުން ސިފައިންގެ އެތެރެއަށް ވަދެގަތުމަށެވެ. ހުޅަނގު ދެކުނު ކަންމަތިން ހަމަލާ ދިނީ އެ ދިމާއިން ސިފައިންގެ މަގުމަތީފާރު ގޮއްވާލައިގެން އެ ބާގަނޑުން ސިފައިންގެ އެތެރެއަށް ވަދެގަތުމަށެވެ. ސިފައިންގެ ކުރިމަތިން ޙަމަލާ ދިނީ ސިފައިންގެ މައިގޭޓަށް ޙަމަލާދީ އެ ގޭޓުން އެތެރެއަށް ވަދެގަތުމަށެވެ.

ނޮވެންބަރު ތިންވަނަ ދުވަހުގެ ފަތިހުގެ ހިމޭންކަމުގައި ދުޝްމަނުން މާލެ އަރައި ގޮއްވާލި ބަޑީގެ ފުރަތަމަ ވަޒަނާއެކު ދުޝްމަނުންނާ ދެކޮޅަށް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ރައްދުގައި ޙަމަލާދޭން ފެށްޓެވިއެވެ. އެއީ އެއްވެސް ފަރާތަކުން އެއްވެސް ކޮމާންޑެއް ދެއްވައިގެން ނިންމެވި ނިންމެވުމެއް ނޫނެވެ. ސޯޓުބުރިތަކެއް ލައިގެން ބަޑިހިފައިގެން ސިފައިންގެއާ ދިމާއިން މެރިންޑްރައިވުން ދުވަމުންދިޔަ ދުޝްމަނުން ފެނުމާއެކު އެއީ މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލުގެ ދުޝްމަނުންކަން އެ ޒުވާން ފަހުލަވާނު އަމިއްލައަށް ނިންމެވީއެވެ. އަތްޕުޅުގައި އޮތް އޭކޭ-47 ގެ ރައިފަލް ރެޑީކޮށް ދުޝްމަނުންނާ ދެކޮޅަށް ވަގުތުން ހަމަލާ ދެއްވަން ފެށްޓެވީއެވެ. ފުރަތަމަ ބަޑި ޖެއްސެވީ އޮޓޮމެޓިކުގައި ކަމަށް ވިޔަސް ފަހުން ބަޑި ޖައްސަވަމުން ގެންދިޔައީ ރެގިއުލާގައި ވަރަށް ވިސްނުންތެރިކަމާއެކު ދުޝްމަނުންގެ ޙަރަކާތްތަކަށް ބައްލަވައިގެން ވަޒަނަކަށްފަހު ވަޒަނެކެވެ.

ދުޝްމަނުން ދިވެހި އަސްކަރިއްޔާގެ މައި މަރުކަޒަށް ޙަމަލާދިން އިރު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހުންނެވީ ސިފައިންގެ މައި ގޭޓުގެ ހުޅަނގު ފަރާތުގެ ޑިއުޓީގައެވެ. ގޭޓުގެ އިރުމަތީ ފަރާތުގެ ޑިއުޓީގައި ހުންނެވީ ޕްރައިވެޓް އާދަމް މުޙައްމަދު (ސާރވިސް ނަންބަރު: 371) އެވެ. އެއީ ފަތިހު 04:00 އިން 06:00 އަށް ހަވާލުވި ޑިއުޓީއެވެ. އެ ދެ ބޭފުޅުން ޑިއުޓީގައި ތިއްބަވަނިކޮށް ދުޝްމަނުން ފުރަތަމަ ބަޑިޖެހީ އެރޭ ފަތިހު 04:15 ހާއިރުގައެވެ. އެއީ ދުޝްމަނުން މާލެ ފޭބުމުގެ ތެރޭގައި އޭގެ މީހެއްގެ އަތުން ގަސްތަކާ ނުލައި ގޮވި ވަޒަނެކެވެ. އެ ބަޑީގެ އަޑު އައި ދިމާއަށް ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ބައްލަވަން ފެށްޓެވިއެވެ. މާގިނައިރެއް ނުވެ ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ޙަމަލާދޭން ފެށިއެވެ. ދުޝްމަނުންނާ ދެކޮޅަށް ފުރަތަމަ ހަމަލާ ދެއްވަން ފެށްޓެވި ވަގުތު އެ މަޤާމު ދޫކުރައްވައި ސަލާމަތް ވެވަޑައިގަންނަވާނެ ފުރުސަތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަމުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކަވަރު ގެންނެވުމަށް ވަދެވަޑައިގަތީ ސިފައިންގެ މައިގޭޓުގެ ބޭރުގައި ޑިއުޓީއަށް ތިބޭ ބޭކަލުން ވާރެއާ ހިޔާވުމަށް ހަދާފައި ހުރި ދެ ސެގަރުގެ ތެރެއިން ގޭޓުގެ ހުޅަނގު ފަރާތުގައި ހުރި ސެގަރުގެ އެތެރެއަށެވެ.

އެ ތަނުގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަމުން ސިފައިންގެ މައިގޭޓުގެ އެތެރޭގައި ތިއްބެވި ސިފައިންނާ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ. ސިފައިންގެއަށް ޙަމަލާދެމުން ދަނީ ސޯޓުބުރިތަކެއް ލައިގެން ތިބި ދުޝްމަނުންގެ ބަޔަކު ކަމާއި ދުޝްމަނުންނާ ދެކޮޅަށް ހަމަލާދެމުން ގެންދަވާ ވާހަކަ ވިދާޅުވިއެވެ. އެ ވަގުތު ސިފައިންގެ ގޭޓުގެ އެތެރޭގައި ތިއްބެވި ބޭކަލުންގެ ތެރެއިން ޑިއުޓީ އެންސީއޯ އަކަށް ހުންނެވި ލާންސް ކޯޕްރަލް އަޙްމަދު ރިޟާ (ސާރވިސް ނަންބަރު: 490) އެ ތަނުގައި ހުންނަ އިމަޖެންސީ ރަނގަބީލު (ސައިރަން) އެޅުއްވިއެވެ. އެއީ އެފަދަ ހާލަތްތަކުގައި ސިފައިންގެ އެހެން ބޭކަލުންގެ ސަމާލުކަމަށް އެކަން ގެނައުމަށް އަޅަން ހުންނަ ރަނގަބީލެވެ. އިމަޖެންސީ ރަނގަބީލުގެ އަޑާއެކު އިވެމުންދިޔައީ ބަޑީގެއަޑެވެ. ސިފައިންގެ އެތެރޭގައި ނިދާފައި ތިބި ސިފައިން ވެސް ހޭލިއެވެ. ހޭލާ ތިބި ސިފައިން ހަތިޔާރު ނަގަން ބަޑިގުދަނާ ދިމާއަށް ދުވަން ފެށިއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދެއްވަމުން ގެންދެވި ވަރުގަދަ ރައްދު ޙަމަލާތަކުގެ ސަބަބުން ސިފައިންގެ މައިގޭޓަށް ހަމަލާ ދެމުން ދިޔަ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދެއްވަމުން ގެންދެވި ރައްދު ހަމަލާގެ ސަބަބުން ދުޝްމަނުންނަށް ސިފައިންގެ މައިގޭޓާ ދިމާއަށް ކުރިއަށް އަންނާނެ ފުރުސަތެއް ނުލިބުނެވެ. ފަހަތަށް ޖެހެން މަޖުބޫރުވިއެވެ. ފަހުން ދުޝްމަނުން ގޮސް ވަނީ މިހާރުގެ ޖުމްހޫރީ މައިދާނުގައި އޭރު ހުރި ދޮށިމޭނާ ބިލްޑިންގުގެ މަގުމަތީ ފާރުގެ އެތެރެއަށެވެ. އެ ފާރުގެ އެތެރެއިން އައިސް އެ ޢިމާރާތުގެ ދެކުނު ފަރާތުގެ މަގުމަތީ ފާރުގެ މަތީގައި ބަޑި އަޅުއަވައިގެން ތިބެ ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް ދުޝްމަނުން ޙަމަލާދޭން ފެށިއެވެ. އޭރު ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި ދުޝްމަނުންނާ ދެމެދުގައި ހުރި ދުރުމިނަކީ ސިފައިންގެ ކުރިމަތިން އޮންނަ އަމީރު އަޙްމަދު މަގުގެ ފުޅާ މިނެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ އިސްނެންގެވުމާއި ހުޝިޔާރުކަން ވެގެންދިޔައީ ދުޝްމަނުންނަށް ސިހުން ގެނުވި ކަމަށެވެ. އަދި އެބައި މީހުންގެ ރޭވުންތައް ނާކާމިޔާބުވި އެންމެ މުހިންމު ސަބަބަށެވެ. ދުޝްމަނުން ޙަމަލާދޭން ފެށުމުން ފުރާނަޔައިގެން ސަލާމަތްވެވެން އޮއްވައި، ސިފައިންގެ މައިގޭޓު ދިފާޢުކުރުމުގައި ސާބިތުވެ އެ ހުންނެވި ހުންނެވުމަކީ އާދަޔާ ޚިލާފު ހިތްވަރަކާއި ޢަޒުމެކެވެ. ސިފައިންގެ މައި ގޭޓަށް ޙަމަލާދީ އެ ގޭޓުން ވަދެގަންނަން ދިމާކުރި ދުޝްމަނުން ހުއްޓުވުމަށް އެ ކުރެއްވި ޖިހާދަކީ ދީނާއި ޤައުމަށްޓަކައި ވެވަޑައިގެންނެވި އަގުނުކެރެވޭ ވަރުގެ ފިދާއެކެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަންފެށްޓެވިތާ ގާތްގަނޑަކަށް ދިހަވަކަށް މިނިޓް ހިނގިފަހުން ދުޝްމަނުން ޖެހި ވަޒަނެއް ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ އަތްޕުޅަށް ވަޒަނެއް އެރިއެވެ. އެ ވާހަކައާއި ފުރަތަމަ މެގަޒިން ހުސްވެގެން ދެވަނަ މެގަޒިން ބަޑިއަށް ލޯޑްކުރި ވާހަކަ ސިފައިންގެ ގޭޓުގެ އެތެރޭގައި ތިބި ބޭފުޅުންނަށް އިވޭވަރަށް ވިދާޅުވިއެވެ. 30 ވަޒަނުގެ އެއް މެގަޒިން ހުސްވުމުން އިތުރަށް އޮތް ފަހު މެގަޒިން ޖެހުމަށްފަހު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެދިވަޑައިގަންނަމުން ގެންދެވީ އިތުރު ވަޒަން ފޯރުކޮށް ދެއްވުމަށެވެ. އެހެން ނަމަވެސް އޭރު ބަޑިގުދަނުން ގޭޓާ ހަމައަށް ވަޒަނެއް ނުލިބެއެވެ. އަދި ދުޝްމަނުން ސިފައިންގެ ގޭޓަށް ދެމުންދިޔަ ހަމަލާތައް ވަރުގަދަކަމުން ގޭޓު ހުޅުވޭކަށް ނެތެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކަވަރު ނަގައިގެން ހުންނެވި ސެގަރު ހުރީ ގޭޓުން ބޭރަށް ނިކުމެގެން ގޮސް ވަންނަ ގޮތަށް ކަމަށްވާތީ ގޭޓު ނުހުޅުވައި ވަޒަން ދެވޭނެ ގޮތެއް ވެސް ނެތެވެ. ސިފައިންގެ ގޭޓުގެ އެތެރޭގައި ތިބި ސިފައިން ދަންނަވަމުން ގެންދެވީ އިތުރު ވަޒަން ލިބޭނެ ގޮތެއް ނެތް ކަމަށާއި ސިފައިންގެ ގޭޓުން އެތެރެއަށް ވަދެވަޑައިގެންނެވޭތޯ މަސައްކަތް ކުރެއްވުމަށެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ސިފައިންގެއަށް ވަދެވަޑައިގެންނެވުމަށް ގޭޓު ހުޅުވައި ދެއްވާނެކަމަށް އެ ބޭކަލުން ދެންނެވިއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ވިދާޅުވަމުން ގެންދެވީ ދުޝްމަނުން އެ ވަރަށް ހަމަލާ ދެމުން ގެންދަނިކޮށް އެތެރެއަށް ވަދެވެޑައިގަންނަވާވަރަށް އަތުގައި ވަޒަން ނެތް ކަމަށެވެ.

ދުޝްމަނުންނާ ދެކޮޅަށް ޙަމަލާ ދެމުން ގެންދަވަނިކޮށް ދުޝްމަނުން ޖެހި ވަޒަނެއް ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ބަޑީގެ މެގެޒިނަށް އަރައި ބަޑިއަށް ސްޓޮޕޭޖެއް ދިމާވިއެވެ. އެ ވަގުތު ދުޝްމަނުންނަށް ލިބުނު ފުރުސަތުގައި ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގެ ސަބަބުން ވަޒަން އަރައި އެ ޒުވާނާ ޝަހީދުވެވަޑައިގެން ސެގަރުގެ ތެރެއަށް ވެއްޓިވަޑައި ގަތެވެ. އޭރު ސިފައިންގެ ތެރޭގައި ތިބި ސިފައިން ވަނީ ބަޑިގުދަނުން ހަތިޔާރު ނަގައި، ތައްޔާރުވެގެން ސިފައިންގެ މައި މަރުކަޒު ދިފާޢުކުރުމަށް ދިފާޢީ މަޤާމުތަކަށް ނުކުމެފައެވެ. ފުލުސް އޮފީހުގެ މަތިންނާއި ބަނޑޭރިގޭ މަތިން ވެސް ދުޝްމަނުންނާ ދެކޮޅަށް ހަމަލާދޭން ފަށާފައެވެ. އެ ޙަމަލާތަކުގައި ދުޝްމަނުގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ވަނީ މަރާލާފައެވެ.

ސިފައިންގެ މައިގޭޓު ހިމާޔަތްކޮށްދެއްވުމުގެ އިތުރުން، ސިފައިންނަށް ހަތިޔާރާއެކު ސިފައިންގެ ދިފާޢީ މަޤާމުތަކަށް ނިކުންނާނޭ ފުރުސަތު ހޯއްދަވައިދެއްވީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފުރާނައިން ޤުރުބާންވެގެންނެވެ. އެ ރަނުގެ ފުރުސަތު ވެގެން ދިޔައީ ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާ ދުޝްމަނުންނަށް ނާކާމިޔާބުވި މައިގަނޑު ސަބަބަށެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވެވަޑައިގަތީ ދީނާއި ޤައުމުގެ ޙައްޤުގައި ސާބިތުކަމާއެކު ޖިހާދު ކުރައްވަމުން ގެންދަވަނިކޮށް ދުޝްމަނުން ދިން ޙަމަލާގައި 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 04:40 ހާއިރުއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމު ޤައުމަށް ޓަކައި ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން ބޭރު ބައެއްގެ އަތްދަށަށް މި ލޮބުވެތި ވަޠަން ނުގޮސް ސަލާމަތްވިއެވެ. 20

އަހަރުގެ އެ ޒުވާން ފަހުލަވާނުގެ ޖޯޝާއި ޢަޒުމާއި ހިތްވަރުން ސިފައިންގެ އިމަޖެންސީ ރަނގަބީލު ޖަހައި، ސިފައިންގެ އެލާޓަށް ގެނެސް ސިފައިންގެ މައިގޭޓު ލައްޕައި ތަޅުލުމަށް ސިފައިންނަށް ފުރުސަތު ލިބިގެން ދިޔައެވެ. އަދި ބަޑި ގުދަނުން ހަތިޔާރު ނަގައިގެން ދިވެހި އަސްކަރިއްޔާގެ ހެޑްކްއޯޓާރޒް ދިފާޢުކުރުމަށް ސިފައިންނަށް ދިފާޢީ މަޤާމުތަކަށް ނުކުންނާނެ ފުރުސަތު ލިބިގެން ދިޔައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ މި މަތިވެރި ޚިދުމަތުގެ އަގު ދައުލަތުން ވަޒަންކުރައްވައި، 1988 ނޮވެންބަރު 4ވަނަ ދުވަހު ޕްރައިވެޓުގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން (މަޤާމުގެ ކުރިއެރުން) ދެއްވިއެވެ. އަދި ޝަރަފުގެ ނިޝާނުގެ ގޮތުގައި ހުރަވީ ރަން މެޑެލި (މެޑެލް ފޮރ އެކްސްސެޕްޝަނަލް ބްރޭވަރީ)، ޖިހާދުގެ ރަތް މެޑެލި (ޕާރޕަލް ހާޓް) އަދި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެންބަރ މެޑެލް) ދެއްވިއެވެ.

ރިފަރެންސް:
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (2012). ނޮވެންބަރު ތިނެއް (ސިފައިންގެ ތާރީޚުގެ 2 ވަނަ ވޮލިއުމް)
ޑރ. ޙުސައިން ޙަލީމް (2013). ޝަހީދު ޙުސައިން އާދަމް ޖީލުގެ ބަޠަލު

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *