ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ.
ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ.
ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ.
ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ އެރަށުން އިއްޔެ ހޮވި ބުދަކީ ގަސް ބުޑެއްގައި މީހާގެ ސޫރަ ހަދާފައިވާ ބުދެއްކަމަށެވެ. ފޫޓަކަށްވުރެއް މިބުދު ބޮޑުވާނެކަމަށާއި ހޮވިފަރާތުން ކައުންސިލް އިދާރާއާއި އަދި ހަވާލުނުކުރާކަމަށް ވިދާޅުވި އެވެ.
ފަހަކަށް އައިސް އުތުރުގެ ރަށްތަކަށް ލަކުޑިން ހަދާފައިވާ ބުދުތައް އަންނަނީ ލައްގަމުންނެވެ. އެގޮތުން އިއްޔެ ހަނިމާދޫއަށްވެސް ވަނީ މިފަދަ ބުދެއް ލައްގާފަ އެވެ.
އެންމެ ފުރަތަމަ ބުދެއް ލައްގައިގެން ރިޕޯޓްކޮށްފައިވަނީ، މި މަހުގެ ހަވަނަ ދުވަހު އިހަވަންދޫއަށެވެ. އެއީ ބަރަހަނާ ފިރިހެނެއް ރަމްޒުވާގޮތަށް އޮތް ބުދެކެވެ.
މިގޮތަށް ހޮވާ ބުދުތައް ބައެއް ރަށްރަށުގައި އަންނަނީ ނައްތާލަމުންނެވެ. ނޫނީ ކައުންސިލް އިދާރާއާއި ހަވާލުކުރަމުންނެވެ. މިއީ ކޮންތަނަކުން ރާއްޖެއަށް ލައްގާ ބުދުތަކެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.
ބައެއް މޫސުންތަކުގައި ރާއްޖޭގެ ރަށްރަށަށް ކަނޑުން އޮޔާދާ އެކި ޒާތުގެ އެއްޗެހި ލައްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!