ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހަނިމާދޫ އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފަށައިފި އެވެ.
މި ދަތުރުތައް ފެށުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ތިލަދުންމަތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން ފަށާ މި ދަތުރުތަކާއެކު ހަނިމާދޫ އާއި ކޮޗިން އާއި ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެއެވެ.
ކޮޗިން ދަތުރުތައް ފައްޓަވައި ދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެއިން ޖަލީލެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
މި ދަތުރުތަކުގެ ސަބަބުން ހަނިމާދޫ އާއި ތިލަދުނަމައްޗަށް އާ ފުރުސަތުތަކެއް ފަހި ވެގެންދާނެ ކަމަށާއި ހާއްސަކޮށް މި ދަތުރުތަކާއެކު މި ސަރަހައްދުގެ ޓޫރިޒަމް ފުޅާވާން އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށާއި ހަނިމާދޫއަކީ އެންމެ ގިނަ އަދަދަކަށް ބަލި މީހުން އުފުލާ އެއާޕޯޓު ކަމަށާއި، ކޮޗިން ދަތުރުތަކާއެކު ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށް މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އެމްޑީ ރިޒްވީ ވިދާޅުވިއެވެ.
ކޮޗިންއަށް މޯލްޑިވިއަން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާއިރު މި ފްލައިޓަށް އެ ކުންފުނިން ޓިކެޓު ވިއްކަނީ ހަނިމާދޫއިން 190 ޑޮލަރަށެވެ. އަދި މާލެއިން ޓިކެޓު ވިއްކަނީ 150 ޑޮލަރަށެވެ.
— Maldivian (@MaldivianAero) October 28, 2019
މި ދަތުރުތަކާއެކު ހަނިމާދޫއިން ހަފްތާއަކު ބާއްވާ ބައިނަލްއަގުވާމީ ދަތުރުގެ އަދަދަކީ ފަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!