ރަށް ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ކުރިޔާއި މިހާރު ވަރަށް ތަފާތެވެ. ރައްޔިތުން އަމިއްލައަށް މަސައްކަތް ކޮށްގެން އިމާރާތް ކޮށްފައިވާ ރަށު ސްކޫލާއި ރަށު އޮފީހާއި އިޖުތިމާޢީ މަރުކަޒު ތައް މިހާރުވެސް ބައެއް ރަށް ރަށުގައި ފެންނާން އެބަހުއްޓެވެ. ރައްޔިތު މަސައްކަތަކަށް ގޮވާލީމައި އޭރު ރަށު ކުދި ބޮޑު އެންމެން ނިކުމެއެވެ. އެހެންނަމަވެސް މިއަދު މުޅިން ތަފާތެވެ. އޭރު ބަރޯ ނުވަތަ ކޮނޑުގައި އެއްޗެހި އުފުލައިގެން އޭރުގެ ނިސްބަތުން ބޮޑެތި އިމާރާތްތައް ނިންމާލަނީ މަދު ދުވަސް ކޮޅެއް ތެރޭގައެވެ.

މިހާރު މަގަކަށް ވެލި އަޅާފައި ވެލި ގަނޑު އެއްވަރުކޮށްލަން ގޮވާލިޔަސް ނިކުންނަނީ މަދު ބައެކެވެ. ރަށު ކުލުނު މިހާރު ނެތުނީ ތޯ އެވެ. ނޫނީ އުޅެން ޖެހޭލެއް ބިޒީ ކަމުން ވަގުތު ނުވަނީ ތޯއެވެ. މި ދެގޮތައްވެސް ވެދާނެއެވެ. ފެންނަ ހަޤީގަތަކީ ރައްޔިތު މަސައްކަތަކަށް ގޮވާލުމުން މިހާރު ނިކުންނަ މީހުން އޭރާއި އަޅާބަލާފައި މަދު ކަމެވެ.

Ad
rt

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް އަކީ އަތޮޅުވެރިކަން ކުރާ ކުޅުދުއްފުއްޓާއި، ކުރިން އަތޮޅުވެރިކަން ކުރި ނޮޅިވަރަންފަރާ ދެމެދުގައި އޮންނަ އަތޮޅުގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 221.10 ހެކްޓަރެވެ. ދިގުމިނުގައި 2170 މީޓަރު، ފުޅާމިނުގައި 1150 މީޓަރު ހުރެއެވެ.

2019 އޮކްޓޫބަރ 25 ވަނަ ދުވަހު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގެ ބޮޑު މަގުގެ ބައެއް ސަރަހައްދު ތަކަށާއި ޕްރީ ސްކޫލް ކައިރީގައި ހުރި ފެން ހެދޭ ތަންތަނަށް ވެލި އެޅުމުގެ މަސައްކަތް ކުރެވުނެވެ. މި މަސައްކަތް ކުރީ އެކްސްކެވޭޓަރ އަށް ގަޑިއަކު 500 ރުފިޔާގެ މަގުން އަދި ކޮންމެ ވެލި ޕިކަޕެއް 150 ރުފިޔާގެ ރޭޓުންނެވެ. މަސައްކަތް ނިމުނީމައި އެކްސްކަވޭޓަރ ދުއްވަން އިން ހދ ކުޅުދުއްފުށީ އަޙްމަދު ގާސިމް އިރުވާގެ ކުޅުދުއްފުށި(ރާންބޯ) ގާތު އަގުގެ ވާހަކަ ދެއްކުމުން ފަހުން ހަބަރެއް ވާނަން ކަމަށް އޭނާ ދެންނިވިކަމަށް ވެއެވެ.

ދެން ޖެހިގެން އައި ދުވަހުގެ ރޭ އެސްކަވޭޓަރ ދުއްވި އަޙްމަދު ވަނީ މަސައްކަތަށް ރުފިޔާ ދެނީ ކޮން ފަރާތަކުންތޯ ބަލާފައެވެ. އަޙްމަދު ބެލިބެލުމުން އިނގުނީ މިމަސައްކަތަށް އަގުދެނީ މަސައްކަތް ކުރި ހުރިހާ ފަރާތް ތަކުގެ މައްޗަށް ބަހާލައިގެން ކަމަވެ. މިއީ ނޮޅިވަރަމް ރައްޔިތުން ދެއްކި ރީތި ނަމޫނާއެކެވެ. މަގުތައް އެއްވަރުކުރުމުގެ މަސައްކަތް އެކުރީ ރައްޔިތު މީހާގެ އަމިއްލަ ޖީބުން ހަރަދު ކުރާ ގޮތަށެވެ. ގިނަ ރަށްތަކުގެ މަގުތަކަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގުތަކެވެ. މަގުތައް ހަލާކުވުމުން ގިނަ ރަށް ތަކުގައި ކުރެވޭ ކަމަކީ މަގުތަކަށް ފަސް އަޅައި އެއްވަރު ކުރުމެވެ. ގިނަ ރަށް ތަކުގައި މިފަދަ ކަންކަމަށް ހަރަދުކުރާނީ ރަށު ކައުންސިލުން ނެވެ.

ނޮޅިވަރަމް ރައްޔިތުން މިދެއްކި ނަމޫނާ އަށްވުރެ ރީތި ނަމޫނާއެއް އެސްކަވޭޓަރ ދުއްވި އަޙްމަދު މިވަނީ ދައްކާފައެވެ. ފައިސާ ދައްކަނީ ރައްޔިތުންގެ ޖީބުން ކަން އެނގުމުން އަޙްމަދު ވިދާޅުވީ އެންމެން އަތުން ރުފިޔާ ނަގައިގެން ހުރިހާ ކުދިން ގޮސް ރަގަޅަށް ކާލާށެވެ. އެ މަސައްކަތަށް ބައި ލާރިއެއް ވެސް ބޭނުން ނޫން ކަމަށް އޭނާ ބުންޏެވެ. އެއީ ހަމަ ހެޔޮ ހިތުން ކޮށްދިން މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. ކޮންފަދަ ރީތި ނަމޫނާއެއްތޯ އެވެ. މިއީ ރަށުން ބޭރު މީހާ ނޮޅިވަރަމް އަށްވެދިން ވަރަށްވެސް ބޮޑު އެހީއެކެވެ. މަސައްކަތް ފެށީ އަގު ދޭ ގޮތަށެވެ. މަސައްކަތް ނިންމީ ހިލޭ ސާބަހަށެވެ.