ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހަ އިން ރަޖިސްޓްރީވެވޭ ގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން "ޑޯ ސްޓެޕް ޕްލަސް" ތައާރަފުކޮށްފިއެވެ
ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގޭބިސީތައް ރަޖިސްޓްރީކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީ ވެސް އިމަރާތެއްގެ ވެރިފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވޭ ހިދުމަތަކަށް ހަދައިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ބަދަލުގެ ސަބަބުން، ހިދުމަތް ރަޖިސްޓްރީކުރަން ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެ ޝަކުވާ ލިބިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. އެގޮތުން، ރަޖިސްޓްރީކުރުމަށް އިމާރާތުގެ ވެރި ފަރާތުން އެއްބާރުލުން ނުދިނުމާއި ނުވަތަ އެފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅުމުގެ ސަބަބުން ވެމްކޯގައި ރަޖިސްޓްރީނުކުރެވި ގިނަ އަދަދެއްގެ ގޭބިސީ ހުރި މައްސަލަ ވަނީ ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތަކަށް ވެމްކޯގެ ހިދުމަތާ ގުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް" ހިދުމަތް ވެމްކޯގެ ވެބްސައިޓުން އެދެވޭނެއެވެ. މި ހިދުމަތް ދޭނީ ޑިޕޮސިޓެއް ދެއްކުމަށް ފަހު، ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމުންނެވެ.
ރަޖިސްޓްރީކުރުމަށް ބޭނުންވާނެ ތަކެތި:
- ރަޖިސްޓްރީކުރަން ބޭނުންވާ މީހާގެ އައިޑީކާޑު/ ޕާސްޕޯޓް
- ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ (ނޮން ރިފަންޑަބަލް ފީއެއް)
- 50 ރުފިޔާގެ އިދާރީ ފީއެއް
ވެމްކޯ އިން ބުނީ ކުރިން އިއުލާނުގައިވާ ގޮތަށް، އިމާރާތުގެ ވެރިފަރާތުން ކުނި އުކާލުމުގެ ހިދުމަތް އަމިއްލަ ނަމަށް ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެ އިމާރާތުގައި ދިރިއުޅޭ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ކެންސަލްކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ، ވެމްކޯގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ވަގުތު، 1666 އަށް ގުޅައިގެން ސާފުކުރުމަށް ވެސް އެ ކުންފުނިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!