ދިވެހިންގެ ބޭންކް، ބީއެމްއެލްއަކީ ކޮންމެ ކުއާޓަރެއްގައި މިލިއަނުން އަދި އަހަރެއްގައި ބިލިއަނުން ފައިދާ ހޯދާ ބޭންކެކެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވުމުގެ ފައިދާވެސް އެއީއެވެ. ނަމަވެސް އެ ބޭންކުގެ ފައިދާއާ އެއްވަރުގެ ހިދުމަތެއް “އަހަރެންގެ ބޭންކަށް“ ނުދެވޭ ކަމަށް އަހަރެންނަށް ގަބޫލުކުރެއެވެ.
ކޯވިޑާ ގުޅިގެން ބޭރު ގައުމުތަކުގައި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ވަނީ ވަރަށް ބޮޑަށް ލިމިޓު ކޮށްފައެވެ. އެގޮތުން، 2020 އަހަރު ޑޮލަރު މަދު ކަމަށްބުނެ އެ ލިމިޓް މަހަކު 250 ޑޮލަރަށް ހެދިއެވެ. އަދިވެސް މި ލިމިޓަށް ބަދަލެއް ނާދެއެވެ.
ބޭންކުން ގެނައި ބަދަލާއެކު ދިވެހި ރުފިޔާ އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ބޭރުގައި މުއާމަލާތް ކުރެވޭނީ މަހަކު 250 ޑޮލަރެވެ. އަދި ޑޮލަރު އެކައުންޓް ގެންގުޅޭ ފަރާތްތަކަށް 300 ޑޮލަރެވެ. މިއީ ބޭރުން އެއްޗެހި ގެނެސް ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. މިކަމުގެ ކަންބޮޑުވުން އާއްމުން ފާޅު ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.
މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެ ބޭންކުގެ ކްރެޑިޓް ކާޑު ކަސްޓަނަރުންގެ ލިމިޓް ބޮޑުކޮށްދީފައެވެ. އެއީ ބޭންކަށް އޭގެ ފާއިދާވާތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ޑެބިޓް ކާޑުގެ ލިމިޓާ ގުޅޭގޮތުން މިހާތަނަށް އެ ބޭންކުން އެއްޗެއް ބުނެފައި ނުވެއެވެ.
ބޭންކުން ލިމިޓް ކަނޑައެޅުމުން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެގޮތުން ބޭނުންވާ ވަރަށް ތަކެތި ނުލިބުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ޑެބިޓް ކާޑުން ލިމިޓް ކަނޑައެޅިޔަސް ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭސްފަރުވާ ކުރަން ގޮސް އުޅޭ ފަރާތްތަކަށް ބޭންކުގައި އެދިގެން ލިމިޓް ބޮޑު ކުރެވެއެވެ. ނަމަވެސް މިއީވެސް ބޮޑު އުނދަގުލެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން، ރިކުއެސްޓް ފޮނުވަން އުނދަގޫ ކަމަށާއި އެ ބަލައިގަނެ ލިމިޓް އިތުރުކޮށްދޭން ވަގުތު ނަގާ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިލިއަނުން ސާފު ފައިދާ ހޯދާ ބޭންކެއްގައި މިހާރު ލިމިޓެއް އޮވެގެން ނުވާނެއެވެ. ކޮވިޑުގެ ހާލަތުގައި އެ ފިޔަވަޅު އެޅުން މީހުންނަށް ގަބޫލު ކުރެވުނަސް މިއަދު އިގްތިސާދު ހުޅުވި ރިސޯޓުތައް ހުޅުވި ޑޮލަރު އިގްތިސާދުގެ ތެރެއަށް ވަންނަމުންދާއިރު މިއީ ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށް މީހުން ދަނީ ބުނަމުންނެވެ.
ދިވެހިން ބޭނުންވަނީ ދިވެހިންގެ އަޑު އަހައި ދިވެހިންގެ ބޭންކުން އެ ލިމިޓު އުވާލުމަށެވެ. އަދި ހޯދާ ފައިދާއާ އެއްވަރަށް ހިދުމަތް ފުރިހަމަކޮށް ކަސްޓަމަރުންނަށް ދަތިނުވާ ގޮތްތައް ހެދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!