ފެނަކަ ކޯޕަރޭޝަންގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗްގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން ހިންގި ލެވެލް 3ގެ އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސްގެ ކޯހުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ.

އެ ޕްރޮގްރާމުގެ ދަށުން ރޭ 23 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސެނު އާއި ފެނަކަ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

Ad
rt

ފެނަކައިން ބުނީ، ފެނަކަ އިންސްޓިޓިއުޓުން ފަށާފަައިވާ މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
އެ އިންސްޓިޓިއުޓުން ހިންގާ ފުނަރު ޕްރޮގްރާމަކީ އެ ކުންފުނިން ފޯރުކޮށްދޭ ތިން އަސާސީ ހިދުމަތުގެ ދާއިރާއަށް ފަންނީ މީހުން ތަރައްގީކޮށް ދިވެހިން ބިނާ ކުރުމަށްޓަކައި ހިންގާ ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ކަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ޕްރޮގްރާމުގައި ބައިވެރި ކޮންމެ މީހަކަށް ފެނަކައިން ވަނީ މަހަކު 3،000 ރުފިޔާގެ އެލަވެންސެއް ލިބޭ ދީފައެވެ. އެ ކޯސް ނިންމައި ދަސްވެނިވި މީހުންގެ ތެރޭގައު ދެ އަންހެނުންވެސް ހިމެނެއެވެ.

އެ ކޯހުގައި ބައިވެރިންނަށް، ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރާނެ އަމަލީ ތަޖުރިބާ ވަނީ ދީފައެވެ.