ހދ. މަކުނުދޫއިން ކޯވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ކޯވިޑް ބަލީގެ މީހެއް މަކުނުދޫގައި މިއަދު ވަނީ ނިޔާވެފައެވެ.

Ad
rt

އެރަށުން ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ މީހެކެވެ. އެމީހާ ނިޔާވީ ހަވީރު 5:40 ގައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހެއް ނިޔާވުމުން މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 297 ވަނަ މީހާއެވެ.

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ވެސް މި ހަފުތާގައި ވަނީ ނިޔާވެފައެވެ.

އެ ސެންޓަރުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވުމުން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ވަރަށް ބޮޑަށް ލުއިދީފައެވެ.