ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން “ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް” ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށު މި ޕްރޮގްރާމަކީ އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad
rt

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

ސްޓެލްކޯ އިން ބުނީ، އެ ޕްރޮގްރާމަކީ އެ ކުންފުނިން ހިދުމަތް ދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ލީޑާޝިޕް ސްކިލްތަކާއި މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.