ހއ. ތަކަންދޫގެ މަގުތަކާއި، އެކި ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން އެރަށު އަމިއްލަ ފަރާތަކުން ތަކަންދޫ ކައުންސިލަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ.
ތަކަންދޫ ކައުންސިލުން ވިދާޅުވީ، ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފައި ވަނީ އެރަށު ދޯދި، އަޙްމަދު ރަޝީދު ކަމަށެވެ.
އަޙްމަދު ރަޝީދު ވަނީ ރަށުތެރޭ ބަހައްޓާ ބޮޑު 10 ޑަސްބިން ހަދިޔާކޮށްފައެވެ. ތަކަންދޫ ކައުންސިލުން ވަނީ މިކަން ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފައެވެ.
ރަށުތެރެ ސާފުކޮށް ބޭއްވުމަށް އެހީތެރިވުމަށް ހެޔޮއެދޭ ފަރާތަކުން ތަކަންދޫ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފައިވާއިރު، ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން ވަނީ މިމަހުގެ 9 ވަނަ ދުވަހު އިލްތިމާސް ކޮށްފައެވެ.
އެ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުނޫން ސަރަހައްދު ތަކަށް ކުނި އަޅާނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެކައުންސިލުން ވަނީ އަންގާފައެވެ.
ރަށުތެރެ ސާފުތާހިތުކޮށް ބޭއްވުމަށް ފަރުދީ ގޮތުން ރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުން ވެސް ކައުންސިލަށް އެއްބާރުލުން ދީ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަށް ކުނި އެޅުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!