މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.

Ad
rt

އެ މަގާމަށް ކުރިމަތިލަށްވާކަން ރަސްމީކޮށް ޢިއުލާން ކުރަށްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން، މި އިންތިޚާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެން ދާނެކަމާމެދު ޝައްކެތްނެތް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުރުން އެ މަގާމަށް ވާދަކުރަށްވާ ކަން މިހާތަނަށް ރަސްމީކޮށް ޢިއުލާން ކުރަށްވާފައިވާ އަނެއް ބޭފުޅަކީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ދައުރު ހަމަވެފައިވާއިރު، އިއްޔެ އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަޠު ހުޅުވާލާފައެވެ. އެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް 16، 2022 ގައިއެވެ.