ހދ.ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނެގުމަށް އެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ކުޅުދުއްފުށީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅިގެން 24 ޖަނަވަރީ 2022 ވީ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމުން މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެ ކައުންސިލުން ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ހުއްދަނެތި އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ އެ އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދު (ޤަވާއިދުގެ ނަންބަރު: (2014/R-175 09 މާއްދާގެ (ހ) ގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމަށާއި، އަދި މީގެ އިތުރުން ޤަވައިދާ ހިލާފަށް އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތަކާއިމެދު ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދު ގެ 15 މާއްދާގެ (ހ) އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެ ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރުމަނާ ކުރެވޭނެ ކަމުގައި ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.