ގުޅިފަޅުގައި ތަރައްޤީކުރާ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފިއެވެ.

އެއް މިލިއަން ފަންސާސް ހާސް ޑޮލަރަށް މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުޞޫލުން ޑެންމާކުގެ ނިރާސް އޭ.އެސް ކުންފުންޏާއި، ހޮލޭންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަނާއެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ގުޅިފަޅުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތަށް ބޭނުންވާ މޮބިލައިޒޭޝަންގެ މަސައްކަތްތައް ނިންމާ، ކޮންސަލްޓެންސީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ގުޅިފަޅުގެ މާސްޓަރ ޕްލޭން އެކުލަވާލުމާއި، މި މަޝްރޫއަށް ބޭނުންވާ އިންޖިނިއަރިންގ ކުރެހުންތައް އެކުލަވާލުމުގެ އިތުރުން ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅީފަޅު ބައިނަލްއަޤްވާމީ ބަނދަރުގެ މަޝްރޫއަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތެވެ.