ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށާއި، ޕޮލިސް އެކަޑަމީއެއް އެޅުމަށާއި، އަދި ތިން ރަށެއްގެ ނަރުދަމާ އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ނިމުނު ސަރުކާރުން ބާތިލުކުރި މައްސަލައިގައި، ސެޓްލްމަންޓް އެގްރީމަންޓެއް ހަދައި އެކުންފުންޏަށް ސަރުކާރުން ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 849 ރުފިޔާ ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހައުސިންގ މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައެވެ. ނޫސްބަޔާނުގައި ވާގޮތުން ނޫމަޑިން އެ މައްސަލައިގައި ބަދަލުހޯދުމަށް، މައްސަލަ ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ.
ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ދެ މައްސަލަ ހުށަހެޅިއެވެ. އެދެމައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމަކާއި، 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން އާ ގުޅިގެން ހުށަހެޅުނު މައްސަލަތަކެކެވެ.
ހައުސިން މިނިސްޓްރީގެ ނޫސްބަޔާނުގައިވަނީ ނޫމަޑިއާއެކު ސެޓެލްމަންޓް އެގްރީމަންޓްއެއް ހެދީ ކޯޓުން/އާބިޓްރޭޝަނުން ބޭރުގައި ހައްލުކުރަން ޖެހޭފަދަ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައިފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.
ނޫސްބަޔާނުގައި ވާގޮތުން ނޫމަޑިއާއެކު ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައެވެ.
ނޫމަޑިންވަނީ އުތުރުގެ ބައެއް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާފައެވެ. މިގޮތުން ހދ. ކުޅުދުއްފުށި، ހަނިމާދޫ، ނޮޅިވަރަންފަރު އަދި ހއ. ދިއްދޫގައިވަނީ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކޮށްފައިވެއެވެ. އޭރުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން އެމަސްރޫއުއެއްކޮށް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ހދ. ހަނިމާދޫގެ ނަރުދަމާވެސް އަޅާފައިވަނީ ނޫމަޑިންނެވެ. ހއ. ފިއްލަދޫގެ ނަރުދަމާގެ މަސައްކަތް ނޫމަޑިއަށް ދިންނަމަވެސް، އޭރުގެ ސަރުކާރާދެމެދު އުފެދުނު ޚިޔާލުތަފާތުވުމުގައި އެމަސައްކަތް ފުރިހަމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!