އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަލްމަދަރަސަތުލް އިސްލާމިއްޔާ އަކީ މިރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެމުހިއްމު އެއް ތަނބުކަމަށެވެ.

Ad
rt

އެމަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި, އިސްލާމީ ތަރުބިޔަތުގެ ރިވެތި އުސޫލު ދެމެ ހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރާ ތަނެއްކަމަށާއި، އެމަދަރުސާއިންއިސްލާމީ ތަޢުލީމު އުނގެނެމުންދާ ގިނަ ދަރިވަރުންނަކީ އަޚުލާގީ ގޮތުން ރިވެތި ނަމޫނާ ބައެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

"އެ މަދަރުސާގެ ލޮބުވެތި އުސްތާޛުންނާއި, ޢިއްޒަތްތެރިބެލެނިވެރިން މިއަދު އެތިއްބެވީ ވަރަށް ބޮޑަށް ފިކުރުވެރިވެ ގޮތް ހުސްވެފައެވެ. ސަބަބަކީ ދަރިވަރުންނަށް ލިބެމުން ދިޔަ އިސްލާމީ ތަޢުލީމުގެ މަތިވެރި ރިވެތި އުސޫލުތައް ގެއްލިގެން ހިނގައިދާނެތީ އެވެ. އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށެވެ." އުމަރު ވިދާޅުވެފަވެއެވެ.

އުމަރު ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެއަށް މަސްހުނި ކޮށްލުމަކީ, އިސްލާމީ ތަޢުލީމުގެ ބިންގާ ނެތިކޮށްލުމަށް ކުރެވޭ ކަމެއްކަމަށެވެ.

އެހެންކަމުން ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އިންގްލިޝް މީޑިއަމްގެ ސްކޫލެއްގެ ތެރެ އަށް މަސްހުނިކޮށް ނުލައްވައި, ވަކި ސްކޫލެއް އެދަރިވަރުންނަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށާއި އެޑިޔުކޭޝަން މިނިސްޓްރީއަށް އިލްތިމާސް ކުރަށްވާކަމަށް އުމަރު ވިދާޅުވެފަވެއެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ވެސް މިކަމަށް ބާރު އަޅުއްވައި ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން އިއްޔެ ވަނީ ސުލްހަވެރި އިހުތިޖާޖެއް ކޮށްފައެވެ.

މި އިހްތިޖާޖުގައި ބައިވެރިވި އެ ސްކޫލްގެ ބެލެނިވެރިން ވަނީ އެޑިއުކޭޝަންގެ ނިންމުމާ ދެކޮޅުކަން ހާމަކޮށްފައެވެ.