ހއ. އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ކަނބަލުން ތައްޔާރު ވަމުން އެބަދެއެވެ.

މިއަދަކީ ރާއްޖޭގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިދުވަހަށް އިމަގުގެ މަސްވެރިންގެ ގޮފިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅު އެރުވުމަކީ އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

Ad
rt

އިމަގުގެ މީޑިއާ ކޯޓޑިނޭޓަރު ސައުދުﷲ އަޙްމަދު ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އެ ޖަމިއްޔާގެ ހީވާގި ކަނބަލުން ފޯރިއާއެކު ތައްޔާރުވަމުންދާ ކަމަށެވެ.

"މިއީ މިއަދަށް އަޅުގަނޑުމެން ހިންގަން ނިންމި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، މިހާރު ފަރިވަޅުތައް އެރުވުމަށް ކުޅިމަހާއި، ބޮނޑިބަތް ކެއްކުމުގެ މަސައްކަތް މިޖަމިއްޔާގެ ހީވާގި ކަނބަލުން ދަނީ ކުރަށްވަމުން" ސައުދުﷲ ވިދާޅުވިއެވެ.

އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

ފަރިވަޅުތައް އެރުވުމުގައި އިހަވަންދޫގެ ބަނދަރުގައި ބަނދަރުކޮށްފައިވާ ދޯނި ފަހަރަށާއި، ރަށު ބޭރުގައި އެން ދަމަން ދޯންޏެއް އޮތް ކަމަށް ވިޔަސް އެ ދޯންޏަކަށް ވެސް ފަރިވަޅު އަރުވާނެކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި ހުކުރަށްފަހު ދޯނިތަކަށް ފަރިވަޅުތައް އެރުވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިމަގުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މައިގަނޑު ފަސް ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައިމަސްވެރިންނަށް ހާއްސަ ފަރިވަޅު އެރުވުމުގެ އިތުރުން، މަސްވެރި ކަނބަލުންގެ ރޯނު ވެށުން / ފަންގިވިނުމުގެ މުބާރާތެއް ބޭއްވުމާއި، ކަނބަލުންގެ ތަޖުރިބާ މަސްދަތުރެއް ބޭއްވުމާއި މަސްވެރިކަމުގެ ވަސީލަތްތަކުގެ ހަވީރެއް ބޭއްވުމުގެ އިތުރުން މަސް ރޭހެއް ބާއްވަން ވަނީ ނިންމާފައެވެ.

ހއ. އިހަވަންދޫއަކީ ގިނަ މަސްވެރި އާއިލާތަކެއް ދިރިއުޅޭ މުރާލި، ހީވާގި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. އެރަށުގައި މިވަގުތު އާންމުކޮށް މަހަށްފުރާ 18 ވަރަކަށް މަސް ދޯނި އޮވެއެވެ.