އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

Ihavandhoo

ހއ. އިހަވަންދޫގައި ފާހަގަ ކޮށްލެވޭފަދަ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިހަވަންދޫ މަސްވެރިންގެ ގުޅުން "އިމަގު" އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުން މި އަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުނަ ބާއްވާ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ އަތޮޅު ގާފަރުގައެވެ. މިއީ 41 ވަނަ މަސްވެރިންގެ ދުވަހެވެ.

އިމަގުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މައިގަނޑު ފަސް ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިންނަށް ހާއްސަ ފަރިވަޅު ތައްޔާރު ކުރުމާއި، މަސްވެރި ކަނބަލުންގެ ރޯނު ވެށުން / ފަންގިވިނުމުގެ މުބާރާތެއް ބޭއްވުމާއި، ކަނބަލުންގެ ތަޖުރިބާ މަސްދަތުރެއް ބޭއްވުމާއި މަސްވެރިކަމުގެ ވަސީލަތްތަކުގެ ހަވީރެއް ބޭއްވުމުގެ އިތުރުން މަސް ރޭހެއް ބޭއްވުމެވެ.

މި ހަރަކާތްތަށް 10 ޑިސެމްބަރ 2021 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މަސްވެރިންނަށް ހާއްސަ ފަރިވަޅު ގެންދިއުމެވެ. ދެވަނަ ހަރަކާތް 11 ޑިސެމްބަރ 2021 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މަސްވެރި ކަނބަލުންގެ ރޯނުވެށުން ނުވަތަ ފަންގިވިނުމުގެ މުބާރާތެވެ.

ތިންވަނަ ހަރަކާތެއްގެ ގޮތުގައި ކަނބަލުންގެ ތަޖުރިބާ މަސްދަތުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ 16 ޑިސެމްބަރ 2021 ގައެވެ. ހަތަރު ވަނަ ހަރަކާތެއްގެ ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތަކުގެ ހަވީރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 ޑިސެމްބަރ 2021 ގައެވެ.

ފަހު ހަރަކާތެއްގެ ގޮތުގައި ފިރިހެން ބޭފުޅުންގެ މަސް ދަތުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރ 2021 ގައެވެ.

އިހަވަންދޫއަކީ މުޅި ރާއްޖެއިން ވެސް މަސްވެރިކަމުގައި ފާހަގަ ކޮށްލެވޭ ރަށެކެވެ. އެ ރަށުގައި ފައިބަގްލާސް މަސްދޯނި ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު، އެ ރަށުގައި މިހާރުވެސް ގިނަ އަދަދެއްގެ ބޮޑެތި ޒަމާނީ މަސްދޯނިތައް އަންނަނީ މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންނެވެ.

އިމަގު ޖަމިއްޔާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ މަސައްކަތް ކުރަމުން އަންނަ އިހަވަންދޫގެ ވަރަށް ޢިލްމީ ބޭފުޅުން ވެސް އެ ޖަމްޢިއްޔާގެ ހިންގުމުގައި ޝާމިލްވާ ޖަމިއްޔާއެވެ. އެ ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވަނީ 1996 ވަނަ އަހަރުއެވެ. މި ހިނގާ 2021 ވަނަ އަހަރު އެ ޖަމްޢިއްޔާއަށް 25 އަހަރު ފުރިފައިވާއިރު، އެ ޖަމްޢިއްޔާއިން 25 އަހަރު ފުރުމުގެ މުނާސަބަތުގައި މި އަހަރުގެ ތެރޭގައި ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި