އައްޑޫ ސިޓީގައި ގެސްޓްހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ދޫކުރަން ނިންމާފައިވާ ބިން ހޯދުމަށްއެދި، ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ. ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ފުރުސަތުއޮންނާނެހެން، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބިން ދޫކުރުމަށް ހުޅުވައިލީ މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައެވެ.
އިއުލާނުގައިވާ ގޮތުން ބިޑު ވިއްކާނީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019 ވަނަ ދުވަހާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ. ބިޑު ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ 2,000 ރުފިޔާ އަދި ބޭރުގެ ފަރާތެއްނަމަ 300 ޑޮލަރެވެ.
ބިޑްތައް ބަލައިގަތުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 11:00ގައި އައްޑޫ އީކުއޭޓަރ ވިލެޖުގައެވެ. އައްޑޫ ސިޓީގައި ގެސްޓް ހައުސްއާ ސިޓީ ހޮޓާ ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ ހަވަނަ ދުވަހުއެވެ.
ސަރުކާރުން ނިންމާފައި ވަނީ އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް، އައްޑޫ ސިޓީއަށް 8،000 އެނދު އިތުރު ކުރުމަށެވެ. އޭގެ ތެރެއިން 4،000 އެނދު އިތުރު ކުރަން ނިންމާފައި ވަނީ ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކުންނެވެ. މިފަހަރު އައްޑޫ ސިޓީގައި ގެސްޓްހައުސް ހެދުމަށް ދޫކުރަން ނިންމާފައި ވަނީ 5،000 އަކަފޫޓުގެ ބިމެވެ. ސިޓީ ހޮޓާ ތަރައްގީކުރުމަށް ދޫކުރަން ނިންމާފައި ވަނީ 10،000 އަކަފޫޓުގެ ބިމެވެ. ބިން ދޫކުރަން ނިންމާފައި ވަނީ ބީޗް ކައިރި ތަންތަނުންނެވެ.
މިހާރުވެސް އައްޑޫގައި ދަނީ ދެ ރިސޯޓު އޮޕަރޭޓު ކުރަމުންނެވެ. އައްޑޫ ސިޓީގެ އިސްމެހެލާ ހެރަ ރިސޯރޓް ހުޅުވަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖު ސިޓީ ހޮޓަލާއެކު، އެސިޓީގައި ގިނަ އަދަދެއްގެ ކުދި ގެސްޓްހައުސްވެސް ހިންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!