ހދ.ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ.
މި ވޯކްޝޮޕްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ގެ ނިޔަލަށް، ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީގެ މެމްބަރު ނަޝީދާ އަޙްމަދު، 9881186 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމަށް އެ ކޮމެޓީން ވަނީ އެދިލައްވާފައެވެ.
މި ވޯކްޝޮޕާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރަމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރ އަދި މި ވޯކްޝޮޕްގެ ކޯޑިނޭޓަރ ނަޝީދާ އަޙްމަދު ވިދާޅުވެފައިވަނީ ޖަނާޒާއާއި ގުޅުންހުރި ކަންކަމަކީ ވަރަށް ވެސް މުހިންމު ކަމެއް ނަމަވެސް ރަށުގައި މިކަމުގައި މުޅިންހެން ހަރަކާތްތެރި ވަމުން އަންނަނީ އުމުރުން ދުވަސްވީ ބޭފުޅުން ކަމަށެވެ. ވުމާއެކު މިކަމަށް ޒުވާނުން އަހުލުވެރި ކުރުވައި ޒުވާނުން މިކަމަށް ނުކުތުމަށް ހިތްވަރު ދިނުމަކީ މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމުގެ އެއް އަމާޒެއް ކަމުގައެވެ.
މި ވޯކްޝޮޕްގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރި ވުމަކީ އެ ކޮމެޓީގެ އެދިލެއްވުމެއް ކަމަށާއި، މި ވޯކްޝޮޕްގައި ޖަނާޒާގެ ކަންކަމުގެ ތިއަރީބަޔާއި އަމަލީބައިވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވާކަން ނަޝީދާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެއިތުރުން އެ ކޮމެޓީއާއި ދާރުލް ޤުރުއާން ގުޅިގެން އެ ރަށުގައި ކުރިއަށް އޮތްތަނުގައި ޕްރޮގްރާމްތަކެއް ހިންގުމަށް މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަން ވެސް ނަޝީދާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!