މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަޤާމުން މަވިކޮށްފިއެވެ.

އެ އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފައި ވަނީ ޕެންޝަން އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުންނެވެ.

Ad
rt

އޭނާ މަޤާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ސްލޫކީ މިންގަނޑުން ބޭރުވުމުން ވަޒީފާއިން ވަކިކުރީ އިއްޔެއެވެ.

އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މީގެ ކުރިން ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ގްރިންޑަލް ވަޒީފާއިން ވަކިކުރީ ސުލޫކީ ކޮން މިންގަނޑަކާ ހިލާފުވެގެން ކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގްރިންޑަލް ވަޒީފާއިން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫންކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، ސަރުކާރުގެ ބައެއް އިސްމާގުތައް ކުރިން ފުރުއްވި މުހައްމަދު ހުސައިން މަނިކު އެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހެއް އުފެދުނީ 2009 ވަނަ އަހަރު އެވެ.