21 ޖަނަވަރީ 2020ގައި ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ހއ. ކެލާގައި ހިމެނޭ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުން މިހިނގާ ސެޕްޓެންބަރު މަހުގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހއ. ކެލާގައި 1440 ވަނައަހަރުގެ ބޮޑުޢީދު ފާހަގަކުރުމަށް ބޭނުންކުރި ޓީޝާޓުވިއްކައިގެން ލިބުނު ފައިސާގެ %20 ވެސް ކެލާ ކައުންސިލުން ވަނީ ސުކޫލަށް ހަދިޔާކުރައްވާފައެވެ.
މިޙަރަކާތަށް އެހީތެރިވުމުގެ ގޮތުން ފަންޑުކުރައްވަން ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ވަނީ އެ ސުކޫލުން އާންމުންނަށް ހުޅުވާލަފައެވެ. އެގޮތުން ޝެއިޚް އިބްރާހީމް ސްކޫލުގެ ފަންޑު އެކައުންޓަށް 7714342544001 ފައިސާ ޖަމާކުރެއްވުމަށްފަހު admin@msi.edu.mvސްލިޕްކޮޅު މެއިލްކުރެއްވުމަށް ނުވަތަ ތިރީގައިވާ ނަންބަރުތަކުން ނަންބަރަކަށް 9900323، 9721114، 7872470، 7493094 ސްލިޕްކޮޅު ވައިބަކުރެއްވުންމަށް އެފަރަތުގެ އިއުލާނުގައި ވަނީ އެދިފައެވެ.
އެފަރާތުގެ އުއްމީދަކީ ހއ. ކެލައާއި، ޝެއިޚް އިބްރާހީމަށް ނިސްބަތްވާ ކޮންމެ ދަރިއެއްގެ އަދި ބެލެނިވެރިއެއްގެ އެހީތެރިކަން ސްކޫލަށް ލިބުމެވެ. މީގެއިތުރުން މިފަދަ ޙަރަކާތްތަކަށް ޙާއްޞަކޮށް ތަޢުލީމަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ސްކޫލަށް ނުހަނު ބޭނުންވާކަން އެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ސްކޫލަށް 75 އަހަރުފުރުން ފުރުމަކީ ރަށަށް އަންނަ ބޮޑު ޢީދެއްކަމަށް ދެކި ހއ. ކެލާ ރައްޔިތުންނާއި، އެހާރާއި، މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިންވަނީ އެކަތި ގަނޑަކަށްވެފައެވެ. އަދި މިކަމުގައި ކެލާގެ އަންހެން ފިރިހެން ކުދިބޮޑު އެންމެން ތިބީ އެއްރޫޙެއްގައި އެއްޢަޒުމެއްގައެވެ.
އެހެންނަމަވެސް މިމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ވިލަރެސްކޮމިޓީން 75 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ 2 ޖުލައި 2020 ވާ ބުރާސްފަތި ނިންމާފައިވީނަމަވެސް،ދިމާވާ މުހިއްމު ކަމެއްގެ ސަބަބުން ފަހަރުގައި ތާރީޚަށް ބަދަލުއައުމަކީވެސް ވެދާނެކެމެއްކަމަށް އެސުކޫލުގެ އިއުލާނުގައި ވަނީ ބުނެފައެވެ.
އައްޝައިޚް އިބްރާހިމް ރުޝްދީ އަކީ ހއ. ކެލަޔަށް އުފަން ، ޅަފަތުގެ ޢުމުރުފުޅުގައި ވަރަށް އާދައިގެ ނިކަމެތި ޙާލުކޮޅެއްގައި އުޅުއްވުމަށްފަހު، ދަތުރުކުރާ ބޯޓެއްގައި މިސްރަށްވަޑައިގެން އަމިއްލަ ފުޅަށް ހޯއްދެވި ފުރުޝަތެއްގައި ޖާމިޢުލް އަޒުހަރުން ކިޔަވާ ވިދާޅުވުމަށްފަހު މާލެވަޑައިގެން މަޖީދިއްޔާގެ ފުރަތަމަ މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޢިލްމުވެރި ޙިލްމުވެރި އުސްތާޒެކެވެ.
ޝެއިޚް އިބުރާހީމް ސުކޫލަކީ ހއ. ކެލާގެ އިތުރުން މަދަރުސަތުލް މަޖީދިއްޔާއާއި މުޅި ދިވެހިރާއްޖެ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ އައްޝައިޚް އިބްރާހީމް ރުޝްދިލް އަޒުހަރީގެ ނަންފުޅަށް ނިސްބަތްވާ ސުކޫލެކެވެ.
ޝެއިޚް އިބްރާހީމު ރުޝްދީއަކީ ﷲ ވާގިފުޅާއެކު އަމިއްލަ ހިތްވަރާ ހިތަމްތާ މިންނަތުން ތަޢުލީމު ޙާޞިލްކުރެއްވި ރަށާއި ދިވެހި ޤައުމު އެމަނިކުފާނަށްޓަކައި މިއަދުވެސް ފަޚުރުވެރިވާ ބޭފުޅެކެވެ.
އޭރުވެސް މިހާރުވެސް ޝެއިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުން ހިތްވަރު ލިބިގަންނަމުން ދަނީ ތަޢުލީމަށްޓަކައި ޝެއިޚް ރުޝްދީ ކުރެއްވި ހިތްވަރުގަދަ ޖިހާދުންނެވެ.އަޅުގަނޑުމެން އެދެނީ ﷲ ތަޢާލާ އެމަނިކުފަނުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް މިންވަރު ކުރައްވައި، ޝެއިޚް އިބްރާހީމް ސުކޫލުގެ ކުރިމަގު އުޖާލާވުމުގެ ހެޔޮތައުފީޤު މިންވަރު ކުރެއްވުމެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!