ނެތިހިނގައިދާނޭ ކަމުގެ ބިރުއޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމުގެ މުއާހަދާ ނުވަތަ " ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ " (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮން ޕާރޓީސް (ކޮޕް18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯރޓްކުރާ ހުއިފިލަނޑާގެ ދެބާވަތެއް ކަމުގައިވާ ފަޅުބަޓާއި ކަނޑުބަޓު ހިމެނޭ ގޮތަށް 3 ބާވަތެއްގެ ހުއިފިލަނޑާ ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައި ލިސްޓް ކުރަން ނިންމައިފިއެވެ.
މިނިންމުން ނިންމާފައިވަނީ އޯގަސްޓްމަހުގެ 17-28 އަށް ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އެމުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ބައްދަލުވުމުގައި ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައި ހުއިފިލަނޑާގެ ތިން ބާވަތެއް ލިސްޓްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި 138 މެންބަރު ޤައުމުތަކުގެ ތެރެއިން 108 ޤައުމެއްގެ ވޯޓުގެ އަޤުލަބިއްޔަތުންނެވެ.
ސައިޓީސްއަކީ ދިރުންހުރި ބާވަތްތަކާއި އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވެނީ އެބާވަތްތަކުގެ އާބާދީތަކުގެ ދެމިއޮތުމަށް ނޭދޭވޭ އަސަރު ނުފޯރާގޮތަށް، ވަކި މިންގަނޑުތަކަކާއި ހަމަތަކެއްގެ މަތިންކަން ކަށަވަރު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ. މިގޮތުން އެއްވެސް ދިރުމެއްނެތި ހިނގައިދާނޭކަމުގެ ބިރު ހީވެފައި އޮތް މިންވަރަކަށް ރިއާއަތްކޮށް، އެބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމަށް ތަފާތު ތިން ގިންތިއެއް ލިސްޓު ކުރެއެވެ.
މިގޮތުން ލިސްޓުކުރެވޭ ބާވަތްތައް ޤައުމުތަކަށް އެތެރެ ކުރޭނީ ނުވަތަ ޤައުމުތަކަށް އެކްސްޕޯރޓް ނުވަތަ ރީ-އެކްސްޕޯރޓް ކުރެވޭނީ ދޫކުރެވޭ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. މިގޮތުން މިފަހަރު ލިސްޓު ކުރެވުނު ހުއިފިލަނޑާގެ ތިންބާވަތް ހިމަނާފައި ވަނީ ގިންތި 2 ގައި ނުވަތަ ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައެވެ. ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ހިމެނޭ ބާވަތްތަކުގެ ބައިނަލު އަޤުވާމީ ވިޔަފާރި ކުރެވޭނީ، އެވިޔަފާރީގެ ސަބަބުން އެބާވަތެއްގެ އާބާދީގެ ދެމިއޮތުމަށް ނޭދެވޭ އަސަރެއް ނުފޯރާ މިންވަރެއްގައިކަން ކަށަވަރުކޮށް، މެނޭޖްކޮށްގެންކަން ކަށަވަރުކޮށްގެންނެވެ.
ސައިޓީސް ކޮންވެންޝަންގެ އެޕެންޑިސް 2 ގައި ހުއިފިލަނޑާގެ ބާވަތްތަކެއް ހިމެނުމުން، މުއާހަދާގައި ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން މުއާހަދާއަށް އަމަލުކުރުމުގެ ގޮތުން ދިވެހިރާއްޖެ އިން ފަސްކަމެއް ފުރިހަމަ ކުރަން ޖެހޭކަމަށް ދިވެހިރާއްޖޭގެ ކަމާގުޅޭ ސަރުކާރުގެ ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް ފިޝަރރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކުރައްވައެވެ. މިގޮތުން ހާމަކުރައްވާފައިވާ ފަސްކަމަކީ، ދިވެހިރާއްޖެއިން ބޭރުކުރެވޭ ހުއިފިލަނޑާގެ ބާވަތްތައް ވަކިވާނޭހެން ބޭރުކުރެވޭ މިންވަރުގެ ތަފާސްހިސާބު ބެލެޖެއްޓުމާއި، ހުއިފިލަނޑާ މަސްވެރިކަން ކުރުމަށްޓަކައި މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެޕްލޭންގެ ދަށުން ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް އެމަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސެއް ދޫކުރުމާއި، މިބާވަތްތައް އެކްސްޕޯރޓް ކުރުމަށްޓަކައި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ، ސައިޓީޒް މެނޭޖްމަންޓް އޮތޯރިޓީ (ރާއްޖެގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް)ގެ ފަރާތުން ދޫކުރާ ޚާއްސަ އެކްސްޕޯރޓް ހުއްދައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށައެޅުމާއި، އެކްސްޕޯރޓްކުރުމުގެ ހުއްދަދެވޭނީ މަސްވެރިކަން ކުރުމުގެ ލައިސަންސެއްގެ ދަށުން ނަގާފައިވާ ލަނޑާކަން ކަށަވަރުކޮށް، މަސްވެރިކަން ކުރެވެނީ އެބާވަތުގެ އާބާދީއަށް ނޭދެވޭ އަސަރު ނުކުރާ މިންވަރަށްކަމަށް ކަށަވަރުކޮށް ސައިންޓިފިކް އޮތޯރިޓީ (މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް)އިން ދޫކުރާ ލިޔުމެއް އެކްސްޕޯރޓް ކުރުމުގެ މަރުހަލާގައި ހުށައަޅަން ޖެހުމާއި އަދި ދިރުން ހުރި ހާލަތުގައި މިބާވަތުގެ ހުއިފިލަނޑާ ދިވެހިރާއްޖެއިން ބޭރުކުރާނަމަ، އެބާވަތްތައް އެކްސްޕޯރޓްކުރުމަށް ތައްޔާރުކުރެވިފައިވަނީ އެބާވަތްތަކަށް އަނިޔާވުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފައިގައިކަން ކަށަވަރުކުރުން ހިމެނެއެވެ.
ސައިޓީސްގެ 18 ވަނަ ކޮންފަރެންސްގައި ހުއިފިލަނޑާގެ ތިން ބާވަތެއް އެޕެންޑިސް 2 ގައި ހިމަނަން ނިންމުމާއި ގުޅިގެން މިނިންމުން ތަންފީޒުކުރަން ފެށުމަށް ސައިޓީސް މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް އެއްއަހަރު ދުވަހުގެ މުހުލަތެއް ދިނުމަށް ސައިޓީސްގެ 18 ވަނަ ކޮންފަރެންސްގައި ނިންމާފައިވެއެވެ. މިނިންމުމާއި ގުޅިގެން ރާއްޖެގައި ހަރަކާތްތެރިވާ ހުއިފިލަނޑާގެ މަސްވެރިކަންކުރާ ފަރާތްތަކާއި، ހުއިފިލަނޑާ އެކްސްޕޯރޓް ކުރުމުގެ އޮޕަރޭޝަންސްތަކަށް ބުރޫނާރާނެ ގޮތަކަށް، މިނިންމުން ތަންފީޒުކުރުމަށް ސައިޓީސްގެ ސައިންޓިފިކް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ކުރަމުން ގެންދާނެ ކަމާއި، މަސްވެރިކަން ރާވާ ހިންގުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، ހުއިފިލަނޑާ ލަނޑާ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ތައްޔާރުވަމުންދާކަމަށް އެމިނިސްޓްރީއިން ހާމަކުރައްވައެވެ.
އަދި މިކަން ތަންފީޒުކުރުމުގައި މިނިސްޓްރީގެ އަމާޒަކީ މިކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ލުއިގޮތަކަށް ސައިޓީސް މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާކަންތައްތައް ތަންފީޒުކުރެއްވުން ކަމަށްވެސް މިނިސްޓްރީއިން ހާމަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!