މި ދުވަސްވަރު އެންމެ އަޑުގަދަ ވާހަކައަކީ މިއީއެވެ. ގިނަ ބަޔަކު ދައްކަމުންދާ ވާހަކައަކީވެސް މިއީއެވެ. ފޭސްބުކް ސްޓޭޓަސްތަކުން ފެށިގެން ގޮސް، އިންސްޓަގްރަމް ސްޓޯރީގައިވަނީވެސް ހަމަ މި ވާހަކައެވެ. މީގެކުރިން، މި ވާހަކައަށް މި ވަރުގެ ސަމާލުކަމެއްވެސް ނުލިބެޔޭ ބުނުމަކީ ދޮގެއް ނޫނެވެ. ރާއްޖޭގައިވެސް، އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް، މި ދުވަސްވަރު ހަމަ މި ވާހަކައެވެ.
އާނ އެކެވެ. "ކްލައިމެޓް ޗޭންޖް" ގެ ވާހަކައެވެ. "ކްލައިމެޓް އެކްޝަން" އާއި "ކްލައިމެޓް ސްޓްރައިކް" ގެ ވާހަކައެވެ. މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އިންސާނުންނަށާއި، އިންސާނުންގެ ވެއްޓަށް ކުރަމުންދާ ގެއްލުންތަކުގެ ވާހަކައެވެ.
މާލޭގަޔާއި، ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް އިއްޔެވަނީ މޫސުމީ ހަޅުތާލުކޮށްފައެވެ. މި ހަޅުތާލަކީ، ގޮތް ނިންމާ ފެންވަރުގައި ތިބޭ ފަރާތްތަކަށް މިކަންކަމުގެ އަޑު އިއްވައިދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މޫސުމީ ބަދަލުތަކުގެ ބަދުނަސީބާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެފަދަ، ތިރި ޖަޒީރާ ޤައުމުތައްކަމަށްވާއިރު، މި ވާހަކަ ރާއްޖޭގައިވެސް ދަނީ ގަދައަށް ދެކެވެމުންނެވެ.
އެކި ޝުއޫރުތަކުގެ ބޯޑުތަކާއެކު މިއަދު މީހުން ފޮޓޯ ނަގަމުންދާއިރުވެސް، މަތީގައި އެވާ ފޮޓޯއަށް ޚާއްޞަ ސަމާލުކަމެއް ހުއްޓުނެވެ. ހާއްސަ ނަޒަރަކުން ބަލާލެވުނެވެ. އެއީ "އައިލަވްޓާޓަލްޕޫ" ނަމަކަށް ކިޔާ އެކައުންޓަކުން އިންސްޓަގްރަމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެވެ. ފޮޓޯއިން ފެންނަނީ ތުއްތު ކުއްޖަކު، ބޯޑެއް ހިފައިގެން ހުންނަ މަންޒަރެވެ. ކުއްޖާގެ އަތުގައި އޮތް ބޯޑުގައިވަނީ ވަރަށްވެސް މާނަ ފުން މެސެޖެކެވެ.
ފުވައްމުލަކުގެ ރީތި ތުނޑީގައި، ތުއްތު ކުއްޖާ ހިފައިގެން ހުރި ބޯޑުގައިވަނީ ވަނީ "އަހަރެން ބޮޑުވާއިރުވެސް މި ތުނޑި، ކުޅިތަކާއި ފަރުތަކާ ފަޅުތައްވެސް އޮންނަން ބޭނުން!" މިހެންނެވެ.

ތުއްތުކުއްޖާގެ ބޯޑުގައި މިހެންވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި، ތަރައްޤީގެ އެކި މަސައްކަތްތަކުގެ ސަބަބުން، ރާއްޖެއިން މިއަދު ފެންނަން ހުރި މިފަދަ ގުދުރަތީ ވަސީލަތްތައް، އަންނަން އޮތް ޖީލަށް، އޭގެ އަސްލު ނުގެއްލި ވާސިލުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވު ހޫނުވުމުގެ ސަބަބުން، މިފަދަ އެތައް ތަނަކަށް ދަނީ ބަދަލު އަންނަމުންނެވެ.
އަހަރެމެންގެ ޤައުމުގައިހުރި މިފަދަ ތަންތަން، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެވޭނީ މިއަދު މަސައްކަތް ކޮށްގެންނެވެ. މި މަސައްކަތަށް ލަސްވެސްވެއްޖެއެވެ. އެހެންނަމަވެސް، އެންމެން އެކީ، އެކައްޗެއް ކިޔައިގެން މަސައްކަތް ކޮށްގެން، އަދިވެސް މިކަން ހާސިލުވެދާނެއެވެ. މި ކުއްޖާގެ އެދުމަށް އިޖާބަދީ، އެކަން ފުއްދައިދެވިދާނެއެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް މިރީތި ގޮނޑުދޮއްތަކާއި ތުނޑިތައް އަމާނާތްތެރިކަމާއިއެކު ވާސިލްކޮށް ދިނުމަކީ މިއަދުގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!