ބާސެލޯނާއަށް ކުޅެމުންއައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމަން އެ ޓީމް ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި ގުޅިއްޖެއެވެ.

ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަސް ގެނެސްފައި ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. އެ އަހަރުން ފަށައިގެން 2019 އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސް އަހަރެއްހާ ދުވަހު އޭނާ ވަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ފަސް އަހަރު އޭނާ އެތުލެޓިކޯއަށް ކުޅުނު 257 މެޗުގައި 133 ލަނޑު ވަނީ ކާމިޔާބު ކޮށްދީފައެވެ. އަދި އެ ޓީމާއި އެކު އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ވެސް ހޯދާފައެވެ.

Ad
rt

އުމުރުން 30 އަހަރުގެ ގްރީޒްމަން 2019 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސް ވުމެއްގެ ދަށުން 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ނަމަވެސް ބާސާގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުމުން ގިނަބައެއްގެ ފާޑުކިޔުން ވެސް މީގެ ކުރިން އޭނާއަށް ވަނީ އަމާޒުވެފައެވެ. ގްރީޒްމަން ވަނީ ބާސާގައި ހޭދަކުރި ތިން އަހަރުގެ މުއްދަތުގައި އެ ޓީމަށް 102 މެޗު ކުޅެދީ 35 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ބާސާއާއިއެކު ގްރީޒްމަން ހަދާފައިވާ އެއްބަސް ވުން ހަމަވާނީ 2024 ވަނަ އަހަރަގެ ޖޫން މަހުގެ ނިޔަލަށެވެ. ގްރީޒްމަން ލޯނު އުސޫލުން އޭނާގެ ކުރީގެ ކުލަބަށް ބަދަލުވީއިރު އަންނަ ސީޒަނުގައި 40 މިލިއަން ޔޫރޯ ބާސާއަށް ދައްކައި އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު އެތުލެޓިކޯއަށް އެބައޮތެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ އެތުލެޓިކޯ މެޑްރިޑުންނެވެ. ގްރީޒްމަން ގުޅުމާއިއެކު އެ ޓީމްގައި ބާސާގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒްއާއި ޕޯޗުގަލްގެ ޒުވާން ފޯވާޑް ފެލިކްސްއާއި އެކު ވަރުގަދަ ފޯވާޑް ލައިނެއް އޮންނާނެއެވެ.